Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ވޯޓާޒް ލިސްޓް ދިމާނުވުމުގެ ގިނަ ޝަކުވާތަކެއް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓާޒް ލިސްޓު ދިމާނުވުމުގެ ގިނަ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޕްރައިމަރީގައި ވާދަކުރައްވާފައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގައި އިސްދައުރެއް އަދާކުރައްވަމުން އަންނަ ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ވޯޓުލާ މަރުކަޒުގައި ތިބި އޮފިޝަލުންގެ އަތުގައި އޮތް ވޯޓުލިސްޓާ، ޝާއިއު ކޮށްފައިވާ ވޯޓުލިސްޓާ ދިމާނުވާ ކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށެވެ.

މީގެ އިތުރުންވެސް ގިނަ ޝަކުވާތަކެއް އެކި ފަރާތްތަކުން، ހާއްސަކޮށް ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ސޯޝަލްމީޑިއާގައި ހިއްސާކުރަމުންނެވެ. އެގޮތުން މި އިންތިހާބުގައި ރައީސް ނަޝީދަށް ތާއީދު ކުރެއްވި ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދުވަނީ މާލޭގައި ބަހައްޓާފައި ހުރި ބައެއް ވޯޓު ފޮށިތަކުގެ ތެރެއިން، ގިނަ ދާއިރާތަކެއްގެ ވޯޓުފޮށި އެއްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުންވެސް ފޮށީގެ ނަންބަރު ދިމާނުވުމާއި ލިސްޓުގެ މައްސަލަ ގިނަ ފަރާތްތަކަކުން ސޯޝަލްމީޑިއާގައި އަންނަނީ ފާހަގަކުރަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، ވޯޓުލުން ކުރިއަށްދާނީ 09:00 އިން ހަވީރު 05:00 އަށެވެ.