ބަޔަކަށް ރަނގަޅުވާހާ ގޮތަކީ ހައްގެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޔަކަށް ރަނގަޅު ވިޔަސް ނުވިޔަސް ހައްގު ވާނީ ހަމަ ހައްގަށް ކަމަށެވެ. ނަމަވެސް އިމްރާން މިފަދަ މޭރުމަކުން ޓްވީޓްކުރެއްވީ ސީދާ ކޮން ކަމަކާ ގުޅުވައިގެން ކަމެއް ނޭނގެ އެވެ.
ނަމަވެސް އޭނަގެ ޕާޓީ އަށް ނިސްބަތްވާ ބައެއް އިސްވެރިންގެ ވާހަކަތަކާއި އެ މީހުން "ރާވަމުން އަންނަ" ބައެއް ކަންކަމާ ހެދި ސޯޝަލް މީޑިއާގައި ވެސް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް މިފަހުން ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.
ކުރިން އަދާލަތު ޕާޓީގައި އުޅުއްވި އަދި މިހާރު ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ދެ ދުވަހެއް ކުރިން އަދާޕަތު ޕާޓީ އާއި އިމްރާން ޓެގްކުރައްވައި ކުރެއްވި ޓްވީޓްތަކެއްގައި އެކްޓިވިސްޓް ސްޓައިލަށް ދީން ބޭނުންކުރާ ބަޔަކު ފާޅުވެފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
Bayakah rangalhu vaahaa gothakee adhi “Hahq” eh nooneve.
Bayakah rangalhuviyas nuvatha nuviyas “Hahqu” vaanee hama Hahqasheve.— Imran Abdulla (@ShimranAb) January 28, 2023
ޝަހީމް ވިދާޅެފައި ވަނީ ދީނީ އިލްމުވެރިން ސިޔާސީ މަސްރަހުގައި ތިބުމަކީ މުހިއްމު ކަމެއް ކަމަށާއި އެކަމަކު ބައެއް ދީނީ މީހުން އުޅެމުން ދަނީ ދީނީ ސިޔާސީ ޝަހުސިއްޔަތުން އުޅޭ ގޮތަކަށް ނޫން ކަމަށެވެ. އަދި ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫން އަބްދުލްގައްޔޫމް ބައެއް ކަންކަމާ ހިޔާލު ތަފާތު ވިޔަސް ރާއްޖޭގެ ވެރިކަމާ އެ މަނިކުފާނު ހަވާލުވި އިރު ރާއްޖެ އޮތް ގޮތާއި އެ މަނިކުފާނުގެ ޒައާމަތުގައި ރާއްޖެ ވާސިލުކޮށްދެއްވި ހިސާބު ވަރަށް ސާފު ކަމަށް ވިދާޅުވި އެވެ.
"މިއަދު ޖެހިގެން އުޅޭ މައްސަލަ އަކީ ދީނީ އިލްމުވެރިން ސިޔާސީވުމެއް ނޫން. ބޭނުންވާ ހާލަތަކާ ގުޅިގެން އެކްޓިވިސްޓް ސްޓައިލަށް ދީން ބޭނުން ކުރާ މަދު ބަޔަކު ފާޅުވީ،" ޝަހީމް ވިދާޅުވި އެވެ. "މީހުންނަށް އެއްޗެހި ގޮވުން ފިޔަވާ އެހެން ކަމެއް ނުކުރޭ."
@ShimranAb arihun alhugandu edhenee raajje ahttakaa AP saafukoh AP ge qaaim kurevunu Aslu thasavarah misraabu hifumah. miee Qaumuge haggugai kuran jehey kameh.
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 26, 2023
ޝަހީމް ވިދާޅުވީ އެފަދަ ފަރާތްތަކުން ގައުމު ހިންގުމަށް އިސްލާމް ދީނުގައިވާ ހަރުދަނާ ސިޔާސަތުގެ ވާހަކަތަކެއް ނުދައްކާ ކަމަށާއި މުޅިން ދައްކަނީ މީހުންގެ ގޯސް ވާހަކަ ކަމަށެވެ. އަދާލަތު ޕާޓީ އުފެދިގެން ގައުމީ ރަނގަޅު ހިދުމަތްތަކެއް އުފައްދަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކްޓިވިސްޓް ސްޓައިލަށް ދީން ބޭނުންކުރާ ބަޔަކު އެ ޕާޓީ ހިސޯރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެއާއެކު ޕާޓީގެ ބިނާކުރަނިވި ވިސްނުން ދޫކޮށް ވެރިންނަށް ސަނާ ކިޔާ ބަޔަކަށް އަދާލަތު ޕާޓީވުން ކަމަށް ޝަހީމް ވިދާޅުވި އެވެ.
އޭނަ ވަނީ ރާއްޖެއަށްޓަކައި އަދާލަތު ޕާޓީ ސާފުކުރުމަށް އިމްރާނަށް ގޮވާވެސް ލައްވައިފަ އެވެ.