Last Updated: April 19, 13:47
Friday, April 19, 2024
މުނިފޫހިފިލުވުން

ޝާހިދުގެ ސީރީޒްގައި ރިތިކްގެ ލޯބިވެރިޔާގެ ލަވައެއް

އަންނަ މަހު ޕްރީމިއާކުރަން ހަމަޖެހިފައިވާ ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރްގެ ފުރަތަމަ ވެބް ސީރީޒް "ފަރުޒީ" ގައި މަޝްހޫރު ތަރި ރިތިކް ރޯޝަންގެ މިހާރުގެ ލޯބިވެރިޔާ ސަބާ އާޒާދު ކިޔާފައިވާ ލަވައެއް ހިމަނައި، އެ ލަވައީގެ ވީޑިއޯ ވެސް އާންމުކޮށްފި އެވެ.

ރާޖް އެންޑް ޑީކޭ ލިޔެ، ޑައިރެކްޓްކުރި ސީރީޒްގެ ތީމް ލަވައެއްގެ ގޮތުގައި ހިމަނާފައިވާ ލަވައިގެ ނަމަކީ "ސަބް ފަރުޒީ" އެވެ. މި ލަވައިގެ މިއުޒިކް ސަޖިން-ޗިގަރު ހަދައި ސަބާއާ އެކީ ލަވައިގެ އަޑުގައި ވެސް ހިއްސާވެފައިވެ އެވެ. ސަބާ އަކީ މާ މަޝްހޫރު ނޫން ނަމަވެސް ލަވަކިޔުންތެރިއެއް އަދި ބަތަލާއެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަބާ އާއި ރިތިކް މި އަހަރު ނިމުމުގެ ކުރިން ކައިވެނިކުރާނެ އެވެ. ރިތިކަކީ ކުރީގެ ކައިވެންޏަށް ދެ ދަރިން ތިބި އެކްޓަރެކެވެ.

އަންނަ މަހުގެ 10 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "ފަރުޒީ" އަކީ ކްރައިމް ތުރިލާއެކެވެ. މީގެ ކާސްޓްގައި ވިޖޭ ސެތުޕަތީ، ރާޝީ ކަންނާ، ކޭކޭ މެނަން، ރެޖީނާ ކެސަންޑްރާ، ޒާކިރު ހުސައިން، ބޫވަން އަރޯރާ، ކުބްރާ ސައިތު އަދި ކުރީގެ އެކްޓަރު އަމޯލް ޕަލޭކަރް ހިމެނެ އެވެ.