Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ޗައިނާ ޓޮޕް 10 މާކެޓްގެ 8 އަށް ޖެހިލައިފި

މި މަހު ޗައިނާގެ ޓޫރިސްޓުން ރާއްޖެ އަންނަން ފެށުމާ އެކީ މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގެ 8 ވަނަ ޗައިނާ ޖެހިލައިފި އެވެ.

އެ ގައުމުގެ ޓޫރިސްޓުން މި މަހުގެ 18 އިން ފެށިގެން ރާއްޖެ އަންނަ ފެށުމާ އެކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގަދަ 10 އަރައި، މީގެ ހަފުތާއެއް ކުރިން ލިސްޓްގެ 9 އިން ވެސް ޖާގަ ހޯދި އެވެ. މިހާރު ޗައިނާ 8 ވަނައިގައި އޮތް އިރު، މި މަހުގެ 25 އާ ހަމައަށް އެ ގައުމުން އައި ޓޫރިސްޓުން އަދަދު ވަނީ 4،477 އަށް އަރައިފަ އެވެ. އެއީ މާކެޓް ޝެއާގެ 3.2 ޕަސެންޓެވެ.

ޗައިނާ އަކީ ކޮވިޑްގެ ކުރިން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މާކެޓެވެ. އަދި މި އަހަރު ޓޫރިސްޓުން އަންނަން ފެށީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

އަހަރު ފެށުނު ފަހުން ރާއްޖޭގެ ޓޮޕް 10 މާކެޓްގެ ގަދަ ތިނެއްގައި އޮތީ ރަޝިއާ އާއި އިޓަލީގެ އިތުރުން އިންޑިއާ އެވެ. ލިސްޓްގައި ދެން ހިމެނޭ ގައުމުތަކަކީ އިނގިރޭސިވިލާތް، ޖަރުމަން، އެމެރިކާ، ފްރާންސް، ކަޒަކަސްތާން އަދި ދެކުނު ކޮރެއާ އެވެ.

މި މަހުގެ 25 އާ ހަމައަށް ރާއްޖެ އަށް ޖުމްލަ 138،593 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އައީ 106،826 ޓޫރިސްޓުންނެވެ.

ރާއްޖޭގެ މި އަހަރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން މަދުވެގެން 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ.