"ޑަބަލް ޑިޖިޓް"ގެ ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެއްވުމަށްފަހު މީޑިއާއަށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އިންތިހާބަށް އެމްޑީޕީގެ އެތެރޭގެ އިންތިޒާމް ހަމަޖެހިފައި ހުރީ ރަނގަޅަށް ކަމަށެވެ. އެގޮތުން މި އިންތިހާބުގެ ކަންކަންވެސް ބަލަހައްޓަންތިބީ ކުރިން ވެސް އެކަން ކޮށްފައި ތިއްބެވި ބޭފުޅުންކަން ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ އިންތިހާބު އޮޅުވާލާނެ ކަހަލަ އެއްވެސް ކަމެއް މި ވޯޓު ތެރޭގައި ހިނގާނެ ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު މި އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށާއި، އުއްމީދު ކުރަނީ ޑަބަލް ޑިޖިޓްގެ ތަފާތެއް ނަތީޖާގައި ފެންނާނެ ކަމަށެވެ.
"އަޅުގަނޑު އުއްމީދުކުރަނީ ޑަބަލް ޑިޖިޓްގެ ތަފާތެއް ނަތީޖާގައި ފެންނާނެ ކަމަށް"
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 09:00 އިން ހަވީރު 05:00 އާ ހަމައަށެވެ. އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު، ސޯޝަލްމީޑިއާގައި އިންތިހާބާ ގުޅޭ މައްސަލަތަކެއް އަންނަނީ ފާހަގަކުރަމުންނެވެ.
މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި ޖުމުލަ 243 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވެއެވެ.