Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު އެމްޑީޕީ

ލިސްޓުގައި ނަން ނެތި ވޯޓުލުމުން މާފަންނު ދެކުނުގެ ވޯޓުލުން މެދުކެނޑިއްޖެ

ވޯޓާޒް ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލީ ކަމަށްބުނެ މާފަންނު މެދު ދާއިރާގެ ވޯޓުލުން މެދުކެނޑިއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމް ކުރިއަށްދާއިރު ލިސްޓުގައި ނަން ނެތް މީހުން ވޯޓުލާކަމުގެ ޝަކުވާ ސޯޝަލްމީޑިއާގައި އަންނަނީ ހިއްސާ ކުރަމުންނެވެ.

އެގޮތުން މާފަންނު މެދު ދާއިރާގެ ފޮއްޓަށް ވޯޓާޒް ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލުމުން އެ ފޮށީގެ ވޯޓުލުން ވަނީ މެދުކެނޑިފައެވެ.

މި އިންތިހާބު ކުރިއަށްދާއިރު މައްސަލަތަކެއް ފާހަގަކޮށް ސޯޝަލްމީޑިއާގައި އެކަން އަންނަނީ ހިއްސާކުރަމުންނެވެ. އެގޮތުން ވޯޓުލާ ލިސްޓުގައި ނަން ނެތް މީހުން ވޯޓުލުމާއި، މީހުންގެ ބަދަލުގައި އެހެން މީހުން ވޯޓުލުންފަދަ މައްސަލަތަކެއް އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ގައްދޫގައި "ބޮޑީ ކެމެރާ" ހަރުކޮށްގެން ވޯޓުލީ ކަމަށްބުނެ ވޯޓުލާ މަރުކަޒުގައި ވަނީ ހަމަނުޖެހުން ހިންގާފައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 09:00 އިން ހަވީރު 05:00 އާ ހަމައަށެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި ޖުމުލަ 243 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވެއެވެ.