Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު ރައީސް ސޯލިހު

މަސްލަހަތު ނަގާލާ ކަންކަމުގައި ބައިވެރިނުވަން ގޮވާލައިފި

މަސްލަހަތު ނަގާލާ ކަންކަމުގައި ބައިވެރި ނުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކަމްޕޭން ޓީމުން ސަޕޯޓަރުންގެ ގޮވާލައިފިއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާއިރު ބައެއް ވޯޓުލާ މަރުކަޒުތަކުގައި އަންނަނީ ހަމަނުޖެހުން ހިނގަމުންނެވެ. ހަމަނެޖުހުން ހިނގަމުން އަންނަނީ ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރާކަމަށް ކުރެވޭ ތުހުމަތާ އެކުއެވެ.

މިކަމާ ގުޅިގެން ރައީސް ސޯލިހްގެ ކެމްޕޭން ޓީމުން ކުރި ޓްވީޓެއްގައި ވަނީ ކެއްތެރިކަމާއެކު ވޯޓުލާ ނިންމާލުމަށް ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.

"އިރާދަކުރެއްވިއްޔާ ސާފު ވޯޓަކުން މޮޅުވާނެ."

މީގެއިތުރުން ރައީސް ސޯލިހްގެ ކެމްޕޭން ޓީމުން ބުނެފައިވަނީ، ވާދަވެރިން ވޯޓު ފޮށިތައް ގަޑުބަޑުކޮށް މަސްލަހަތު ނަގާލަން ހިންގާ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް ކެމްޕޭން ޓީމުގެ ފަރާތުން އެދޭކަމަށެވެ.

މި އިންތިހާބު ކުރިއަށްދާއިރު މައްސަލަތަކެއް ފާހަގަކޮށް ސޯޝަލްމީޑިއާގައި އެކަން އަންނަނީ ހިއްސާކުރަމުންނެވެ. އެގޮތުން ވޯޓުލާ ލިސްޓުގައި ނަން ނެތް މީހުން ވޯޓުލުމާއި، މީހުންގެ ބަދަލުގައި އެހެން މީހުން ވޯޓުލުންފަދަ މައްސަލަތަކެއް އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ގައްދޫގައި "ބޮޑީ ކެމެރާ" ހަރުކޮށްގެން ވޯޓުލީ ކަމަށްބުނެ ވޯޓުލާ މަރުކަޒުގައި ވަނީ ހަމަނުޖެހުން ހިންގާފައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 09:00 އިން ހަވީރު 05:00 އާ ހަމައަށެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި ޖުމުލަ 243 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވެއެވެ.