Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު އެމްޑީޕީ

ތިނަދޫ ވޯޓު ފޮށި ފަޅާލައި ހަމަނުޖެހުން ހިންގައިފި

ތިނަދޫގައި ހިންގި ހަމަނުޖެހުން--

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ގދ. ތިނަދޫގައި ބެހެއްޓި ތިނަދޫ ދެކުނު ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައިހުރި މަރުކަޒުގައި ހަމަނުޖެހުން ހިންގައިފިއެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުން އެ ވޯޓުފޮށި ހުރި މަރުކަޒުގައި ވަނީ މާރާމާރީއެއް ހިންގާފައެވެ. އަދި އެ ހަމަނުޖެހުމުގެ ތެރޭގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ކަމަށް ބެލެވޭ މީހަކުވެސް އުޅޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ތިނަދޫގައި ބެހެއްޓި ވޯޓު ފޮށި ފަޅާލާފައިވާއިރު އެކަމާ ގުޅިގެން އެމްޑީޕީން އަދި ވަކި އެއްޗެއް ނުބެނެއެވެ.

މި އިންތިހާބުގައި ވޯޓުލާ ލިސްޓުގައި ނަން ނެތް މީހުން ވޯޓުލުމާއި، މީހުންގެ ބަދަލުގައި އެހެން މީހުން ވޯޓުލުންފަދަ މައްސަލަތަކެއް އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ގައްދޫގައި "ބޮޑީ ކެމެރާ" ހަރުކޮށްގެން ވޯޓުލީ ކަމަށްބުނެ ވޯޓުލާ މަރުކަޒުގައި ވަނީ ހަމަނުޖެހުން ހިންގާފައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 09:00 އިން ހަވީރު 05:00 އާ ހަމައަށެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި ޖުމުލަ 243 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވެއެވެ.