ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އައްޑޫގައި އުޅެމުންދިޔަ 33 މީހަކު ރޭ ހައްޔަރުކޮށް މާލެ ފޮނުވާލައިފި އެވެ.
ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ މިހާރު ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ ދަށުން ހަފްތާއަކު 30 ވަރަކަށް މީހުން ހައްޔަރުކޮށް މާލެ ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގަވާއިދާއި ހިލާފަށް ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އައްޑޫގައި ގިނަ އަދަދަކަށް ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އެބަ އުޅެއެވެ.
އިމިގްރޭޝަނުން ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. އެގޮތުން ބައެއް ކޮންސްޓްރަކްޝަން ސައިޓް ތަކާއި، ސައި ހޮޓާ ރެސްޓޯރެންޓް ތަކުގައި މަސައްކަތް ކުރާ ބިދޭސީން ވަނީ ޗެކް ކޮށްފައެވެ.
ޝިފާން ވިދާޅުވީ ރޭ ފުރުވާލި 33 މީހުންނަކީ ހިތަދޫން އަތުލައިގަތް މީހުން ކަމަށެވެ. އަދި އައްޑޫގެ އެހެނިހެން ތަށްތަކުގަިއ ވަކިވަކީން އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.