Last Updated: March 29, 11:09
Friday, March 29, 2024
ދުނިޔެ

މެލޭޝިއާ އިން ޤުރުއާންގެ މިލިއަން ކޮޕީ ބަހަނީ

މެލޭޝިއާ އިން ޤުރުއާނުގެ އެއް މިލިއަން ކޮޕީ ދުނިޔޭގެ ހުރިހާ ގައުމަކަށް ބެހުމަށް ނިންމައިފި އެވެ.

މިއީ ސްވިޑެންގެ ސިޔާސީ ބަޔަކު ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތައި އެންދި މައްސަލައާ ގުޅިގެން ކުރާ ކަމެކެވެ. އެ އަމަލު ހިންގާފައި ވަނީ ކަނާތު ފިޔައިގެ ހަރުކަށި ސްވިޑެންގެ ސިޔާސީ ޕާޓީއެއްގެ ލީޑަރަކު އިސްކޮށް ހުރެ އެވެ. ސްވިޑެންގައި ޤުރުއާން އެންދީ އެ ގައުމުގައި ހުންނަ ތުރުކީގެ އެމްބަސީގެ ކައިރީގަ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ އެ އަމަލަށް ރައްދު ދިނުމަށް ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކީ ވީހާ ވެސް ގިނަ ބަޔަކަށް ޤުރުއާން ފޯރުކޮށް ދިނުން ކަމަށެވެ. އެގޮތުން ކުރު މުއްދަތެއްގެ ތެރޭގައި ގުރުއާނުގެ އެއް މިލިއަން ކޮޕީ ތައްޔާރުކޮށް ދުނިޔޭގެ ހުރިހާ ގައުމަކަށް ބެހުމަކީ އަމާޒެއް ކަމަށް އަންވަރު ވިދާޅުވި އެވެ.

އަންވަރު ވިދާޅުވީ މިކަން ކުރާނީ އިސްލާމީ އެހެން ގައުމުތަކާ ވެސް ގުޅިގެން ކަމަށާއި އަދި ގުރުއާނުގެ މުހިއްމުކަން އަންގައި ދިނުމަށް ތަފާތު އެކި ޕްރޮގްރާމްތައް މެލޭޝިއާގައި ވެސް ހިންގާނެ ކަމަށެވެ.

ސްވިޑެންގެ އެ އަމަލު އިސްލާމީ ގިނަ ވަރަށް ގައުމުތަކަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ. އަދި މި އަމަލާ ދެކޮޅު ހެދުމުގެ ގޮތުން ބޮޑެތި އެއްވުންތައް ވެސް ގައުމުތަކުގައި އަންނަނީ ބާއްވަމުންނެވެ.

މީގެ ކުރިން ވެސް ހުޅަނގުގެ ގައުމުތަކުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، މުސްލިމުން ރުޅި އެރުވުމުގެ މަގުސަދުގައި ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތައި ރަސޫލާ އަށް ފުރައްސާރުކުމުގެ އެތައް އަމަލެއް ހިންގާފައިވެ އެވެ.