Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ކާމިޔާބީ އަކީ ﷲ ދެއްވާ އެއްޗެއް: އިޔާޒް

ކާމިޔާބީ އަކީ ﷲ ދެއްވާ އެއްޗެއް ކަމަށާއި އެކަމާ އުފާފާޅު ވެސް ކުރަން ޖެހޭނެ ކަމަށް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލިކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާ ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އަށް ނިސްބަތްވާ އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާމިޔާބަކީ ﷲ ދެއްވާ އެއްޗެއް ކަމަށެވެ.

"ކާމިޔާބު ލިބުމުން އުފާ ކުރުމަކީ އޮތް ކަމެއް. ނަމަވެސް، އިސްލާމީ ޙުދޫދުން ބޭރުވެގެން ނުވާނެ." އޭނާ ވިދާޅުވި އެވެ.

އިޔާޒަކީ ޕްރައިމަރީ އަށް ދިމާކޮށް ރައީސަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައި ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ބޭފުޅެކެވެ. އަދި ނަޝީދަކީ ކެންޑިޑޭޓްޓްކަން ދޭން ހެޔޮވާ ވަރުގެ ބޭފުޅެއް ނޫން ކަމަށާއި ނަޝީދަށް ދެން ދުވަހަކު ރާއްޖޭގެ ވެރިކަމަށް ވެސް ވަޑައިނުގެންނެވޭ ކަމަށް އިޔާޒް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.

ޕްރައިމަރީ ރައީސް ސޯލިހު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމާ ގުޅިގެން ތާއީދު ކުރެއްވި ވަރަށް ގިނަ ބަޔަކު އަންނަނީ އެ މަނިކުފާނަށް މަރުހަބާ ކިޔަމުންނެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ތާވަލުކޮށްފައި އޮތީ ސެޕްޓެމްބަރު 9 އަށެވެ.