Last Updated: June 14, 10:47
Sunday, June 14, 2026
ޚަބަރު

ރައީސްގެ ސިޔާސަތަށް ތާއީދު އޮތްކަން ސާފުވެއްޖެ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަކަށް އެމްޑީޕީގެ އާންމު ގިނަ މެމްބަރުންގެ ތާއީދު އޮތްކަން އިއްޔެ ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީން ވެސް ސާފުވެއްޖެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިމްރާނަށް ރައީސަށް މަރުހަބާ ވިދާޅުވެ، ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސަކީ ތަފާތު އެކި ފިކުރުގެ ގިނަ ބަޔަކު ގޮވައިގެން ގައުމު ހިންގޭ ވަރުގެ ބޭފުޅެއް ކަމަށެވެ.

"ތަފާތު ފިކުރުގެ ގިނަ މީހުން ބައިވެރިކޮށް މަޝްވަރާގެ އުސޫލުން ގައުމު ހިންގުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތަށް އެމްޑީޕީގެ އާންމު މެމްބަރުންގެ ތާއީދު އޮތްކަން ސާފުވެއްޖެ." މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި ރައީސް ބޮޑު ތަފާތަކުން ޕްރައިމަރީ ކާމިޔާބު ކުރެއްވި އިރު، އިމްރާން ދާދި ފަހުން ވިދާޅުވި ގޮތުގައި ދެން ވެސް ރާއްޖޭގައި އުފެދޭނީ އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަން ސަރުކާރެކެވެ.