Last Updated: April 25, 11:51
Thursday, April 25, 2024
ޚަބަރު

ނަޝީދުގެ ތަޖުރިބާ އިން އިބުރަތް ހާސިލުކުރަން ޖެހޭ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރައްވައި ރިޔާސީ ޓިކެޓް ހޯއްދެވީ ސަރުކާރުގެ ކުންފުނިތައް ބަނގުރޫޓްކޮށްގެން ކަމަށާއި އެމްޑީޕީގައި އެ ޕާޓީގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދަށް ކުރައްވަން ޖެހުނު ތަޖުރިބާ އަކީ ރާއްޖޭގެ އެހެން ސިޔާސީ ލީޑަރުން ވެސް އިބުރަތް ހާސިލުކުރަން ޖެހޭ ކަމެއް ކަމަށް އިދިިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މި ސަރުކާރުގައި ކުންފުނިތައް އޮތީ ކޮރަޕްޝަންގެ ހާލިތަކަކަށްވެފައި ކަމަށެވެ.

"ކޮންމެ އިންތިހާބަކާ ގުޅިގެން ނުފޫޒުގެ ބޭނުންކޮށް ބަޖެޓްގައި ނެތް ޕްރޮޖެކްޓްތައް އިއުލާންކޮށް މުޅި ގައުމު ހަރާބުކޮށްފި. މިއީ ރޯމާ ދުވާލުގެ ވައްކަން." އާދަމް ޝަރީފު ވިދާޅުވި އެވެ.

އިއްޔެގެ ޕްރައިމަރީގައި ރައީސާ ވާދަކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑުތަނުން ބަލިވެވަޑައިގެންފައިވާތީ އާދަމް ޝަރީފު ވިދާޅުވީ ނަޝީދަށް ތަޖުރިބާ ކުރައްވަން ޖެހުނު ކަންކަމަކީ ރާއްޖޭގެ އެހެން ސިޔާސީ ލީޑަރުން ވެސް އިބުރަތް ހާސިލުކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ޕީޕީއެމްގެ ލީޑަޝިޕާއި ސަޕޯޓަރުން ރައީސް އަބްދުﷲ ޔާމީނަށް ކުރާ އިތުބާރާއި އިހުތިރާމާއި ޔާމީން މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތުން އެނގެނީ ރައީސް ޔާމީން ގައުމަށް ބޭނުންވާ މިންވަރު." އާދަމް ޝަރީފު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޔާމީން ގެންދަވަނީ މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.