Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

"ލޯބިވެވިއްޖެ" އަކީ ކޮޕީއެއް ނޫން

މި އަހަރުގެ މެއި މަހު އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމާފައިވާ އަލީ ސީޒަންގެ ފިލްމު "ލޯބިވެވިއްޖެ" އަކީ ބޭރު ފިލްމެއްގެ ކޮޕީއެއް ކަމަށް ބުނާތީ އެކަން ދޮގުކޮށްފި އެވެ.

ދިވެހި ސިނަމާގެ ނަމުގައި ފޭސްބުކްގައި ޕޭޖެއްގައި "ލޯބިވެވިއްޖެ" ގެ ޕޯސްޓަރާއި ހޮލީވުޑްގެ 2017 ގެ އެކްޝަން ފިލްމު "ބޭބީ ޑްރައިވާ" ގެ ޕޯސްޓަރާއި "ލޯބިވެވިއްޖެ" ހިއްސާކޮށް ބުނެފައި ވަނީ ސީޒަން ޑައިރެކްޓްކޮށް، ކުޅުނު ފިލްމުގެ ޕޯސްޓަރު އޮތީ ސީދާ "ބޭބީ ޑްރައިވާ" ގެ ޕޯސްޓަރު ކޮޕީކޮށްފައި ކަމަށާއި ފިލްމުގެ ޓީޒާއިން ވެސް ފެންނަ ގޮތުގައި މިއީ އެ ފިލްމު އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމަކަށްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ދެ ފިލްމުގެ ޕޯސްޓަރަށް ބަލާ އިރު ވަރަށް އެއްގޮތެވެ. "ބޭބީ ޑްރައިވާ" އަކީ އެޑްގާ ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ. މީގެ ކާސްޓްގައި ކެވިން ސްޕޭސީ، އެންޒެލް އެލްގާޓް، ލިލީ ޖޭމްސް އަދި ޖެމީ ފޮކްސް ފަދަ ތަރިން ހިމެނެ އެވެ.

ނަމަވެސް އެކަމށް ވަކި އެއްޗެއް ނުބުނެ ސީޒަން އިންސްޓަގްރާމް ސްޓޯރީގައި ބުނީ "ލޯބިވެވިއްްޖެ" އަކީ އޮރިޖިނަލް ސްކްރީންޕްލޭއަކަށް ހަދާފައިވާ އެއްޗެއް ކަމަށެވެ. އަދި އޭގެ ސްކްރީންޕްލޭ ލިޔުނީ އޭނަ އެންމެ ފަހުން 2020 ގައި ގެނެސްދިން "އަނދިރިކަން" ގެ ސްކްރީންޕްލޭ ވެސް ލިޔުނު އަހުމަދު ޒަޒީރު ކަމަށް ބުންޏެވެ.

ޒަރީރަކީ އަންނަ މަހުގެ 6 ގައި ޑާކް ރެއިން އެންޓަޓައިންމަންޓުން އޮލިމްޕަހަށް ގެންނަން ތައްޔާރުވަމުން "ބީވީމާ" ގެ ސްކްރީން ރައިޓަރު އަދި ޑައިރެކްޓަރެވެ. މި ފިލްމަކީ 2019 ގެ ތަމަޅަ ރޮމޭންޓިކް ޑްރާމާ ފިލްމު "96" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ.

"ލޯބިވެވިއްޖެ" އަކީ ކޮޕީއެއް ނޫން ކަމަށް ބުނެ ސީޒަން ހިއްސާކުރި ޕޯސްޓްގައި "ބޭބީ ޑްރައިވާ" އާއި އޭނަގެ ފިލްމާ އެއްގޮތްވުމަކީ އިއްތިފާގެއް ނުވަތަ އެއްގޮތްވުމަކީ ގަސްތުގައި ކޮށްފައި އޮތްކަމެއްތޯ ސާބިތުކޮށް ދިނުމުގައި ފިލްމުގެ ޓީމުން ދެމިއޮންނާނެ ކަމަށް ބުންޏެވެ.

މެއި މަހުގެ 3 ގައި އޮލިމްޕަހުގައި އަޅުވާ ގޮތަށް ހަމަޖެހިފައިވާ "ލޯބިވެވިއްޖެ" ގެ ކާސްޓްގައި މަރިޔަމް، އަހުމަދު އީސަ (އާނަންދު)، އައިމިނަތު ރިޝްފާ، އަލީ އާޒިމް (ދޮން އައްޔަ) އަދި އަހުމަދު ނިމާލި ފަދަ ތަރިން ހިމެނެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ދިވެހި ފިލްމުތައް ބޭރު ފިލްމުތައް ކޮޕީކުރުމަކީ ވަރަށް އާންމު ކަމެއް ކަމެވެ.. އެކަމަކު ގިނަ ފަހަރަށް އެކަމަށް އެއްބަސްނުވުމަކީ ދިވެހި ފިލްމު އިންޑަސްޓްރީގެ އާދައެކެވެ.