Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މި ވަގުތަށް ގައުމު ސަލާމަތްވެއްޖެ: މަވޯޓާ

އެމްޑީޕީގެ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ޓިކެޓް ހޯއްދެވުމާ އެކީ މި ވަގުތަށް ގައުމު ސަލާމަތްވެއްޖެ ކަމަށް މަރަދޫ ދާއިރާގެ މަލިޖިސް މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީގެ ކެމްޕޭންގެ ތެރޭގައި ނަޝީދަށް ބަހުގެ ހަމަލާތައް ދެއްވައި، ރައީސަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން ގެންދެވި މެމްބަރު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ނަޝީދުގެ ކިބައިން މި ވަގުތަށް ގައުމު ސަލާމަތް ކުރެވުނަސް ކުރަން ހުރި މަސައްކަތްތައް އަދި ކުރިއަށް އޮތީ ކަމަށެވެ.

"ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވި ފުރައްސާރަ އާއި އުނދަގޫތައް ގިރާކޮށް ރައީސް ސޯލިހު މަރަދޫ ދާއިރާގެ ކެމްޕޭންގައި ކުރި ބުރަ މަސައްކަތް ފާހަގަކޮށް ހައްގު ޝުކުރު ވެސް އަދާކުރަން." މަވޯޓާ ވިދާޅުވި އެވެ.

ޕްރައިމަރީގެ އޭނަގެ ދާއިރާ އިން ރައީސަށް ލިބުނު ވޯޓްގެ ވަގުތީ ނަތީޖާ އަށް ބަލާ އިރު، ގިނަ ވޯޓް ލިބުނީ ނަޝީދަށެވެ. އެއީ 286 ވޯޓެވެ. ރައީސް ސޯލިހަށް މަރަދޫން ލިބުނީ 276 ވޯޓެވެ.

ރައީސްގެ ކެމްޕޭން ނިންމަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ރައީސްގެ ސިޔާސަތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި މަވޯޓާ ވިދާޅުވީ ރައީސަކީ ވަރަށް "ވިޝަނަރީ ލީޑަރެއް" ކަމަށެވެ.

ޕްރައިމަރީގައި ބޮޑު ތަފާތަކުން ނަޝީދު ބަލިވެވަޑައިގަތުމުން ބަލި ގަބޫލުކުރައްވަން ވަނީ ދެކޮޅު ހައްދަވައިފަ އެވެ.