Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު

ރައީސް ރަނިންމޭޓެއްގެ މަޝްވަރާތައް ފަށަނީ

އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރުވެފައިވާތީ ޕާޓީގެ ތެރޭގައި ވަރަށް އަވަހަށް ރަނިންމޭޓަކު ކަނޑައެޅުމާ މެދު މަޝްވަރާކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ޕްރައިމަރީ ކާމިޔާބުވުމާ ގުޅިގެން ސަޕޯޓަރުންތަކަކާ އެކީ ރޭ ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ނޫސްވެރިން ކުރި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ތައްޔާރީތައްވާން ފަށާ އިރު، ޕާޓީގެ ތެރޭގައި ވަރަށް އަވަހަށް ރަނިންމޭޓަކު ކަނޑައެޅުމާ ގުޅޭ ގޮތުން މަޝްވަރާތައް ފަށާނެ ކަމަށެވެ.

ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބުގައި ރަނިންމޭޓަކަށް ކަނޑައެޅީ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ނިސްބަތްވާ ފައިސަލް ނަސީމެވެ. އެ މަނިކުފާނަކީ ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން ރައީސާ އެކީ ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ކޯލިޝަންގައި ހިމެނެނީ އެމްޑީޕީ އާއި ޖޭޕީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރްއެމެވެ.

ރައީސް މިހާތަނަށް އާ ރަނިންމޭޓަކާ ގުޅޭ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާ އިރު، ޕްރައިމަރީގައި ވާދަކުރައްވައި ބަލިވެވަޑައިގަތް ކުރީގެ ރައީސް ނަޝީދު ކެމްޕޭން ތެރޭގައި ވިދާޅުވެފައި ވަނީ ޕްރައިމަރީ ކާމިޔާބުކޮށް، ރިޔާސީ އިންތިހާބަށް ނުކުންނަވާ އިރު، ރަނިންމޭޓަކަށް ކަނޑައަޅާނީ އައްޑޫ މީހެއް ކަމަށެވެ.

މި އަހަރުގެ ރިޔާސީ އންތިހާބު ބާއްވަން ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު 9 ގަ އެވެ.