Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ފްލެޓްތަކުގެ ރެއިލިން ބަދަލުކުރަން ފަށައިފި

އައްޑޫ ހިތަދޫގެ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ ބެލްކަނީގެ ރެއިލިންތަކުގައި ދަބަރު ޖަހައި ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެ ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރެއިލިންތައް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 5 ގަ އެވެ. ބެލްކަނީގެ ރެއިލިންތައް ބަދަލުކުރަން ފަށާފައި ވަނީ ފްލެޓްތައް ލިބުނު މީހުން އެކަމުގެ ޝަކުވާ ކުރާތާ އެތައް ދުވަހެއް ފަހުންނެވެ.

އެންމެ ބޮޑަށް ދަބަރު ޖަހައި، ރެއިލިންތައް ހަލާކުވެފައި ވަނީ ފްލެޓްތައް ހުރި ސަރަހައްދުން މޫދާވީ ދިމާލަށް ހުރި ފްލެޓްތަކުގަ އެވެ. ހިތަދޫގެ ފްލެޓްތައް ހުންނަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާ ހުންނަ މަގުން ރަށުގެ އުތުރު ފަރާތުގަ އެވެ.

ހިތަދޫގައި 264 ފްލެޓް ހަދާފައިވެ އެވެ. މި ފްލެޓްތައް ހެދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.