Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ލީޑް ކުރެވޭނީ ލީޑަރަކަށް: އިމްރާން

ލީޑް ކުރެވޭނީ ލީޑަރަކަށް ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކޯލިޝަން ސަރުކާރެއް ހިންގަމުން ގެންދަވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ވަޑައިގަންނަވަން އިއްޔެ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް، ޓިކެޓް ކަށަވަރުކުރެއްވުމާ ގުޅިގެން ހޯމް މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސަށް އިޝާރާތް ކުރައްވައި ވިދާޅުވީ ރައީސަކީ ފުރިހަމަ ލީޑަރެއް ކަމަށެވެ.

"މީސްތަކުންގެ ކުރީގައި ހުރެ ލީޑް ކުރެވޭނީ ލީޑަރެއްގެ ފަހަތުގައި ހުރެ ލީޑް ކުރަން އެނގޭ މީހަކަށް." އިމްރާން ވިދާޅުވި އެވެ.

އޭނަ ވިދާޅުވެފައި ވަނީ ރައީސަކީ ތަފާތު އެކި ފިކުރުގެ ގިނަ ބަޔަކު ގޮވައިގެން ގައުމު ހިންގޭ ވަރުގެ ބޭފުޅެއް ކަމަށެވެ.

"ތަފާތު ފިކުރުގެ ގިނަ މީހުން ބައިވެރިކޮށް މަޝްވަރާގެ އުސޫލުން ގައުމު ހިންގުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތަށް އެމްޑީޕީގެ އާންމު މެމްބަރުންގެ ތާއީދު އޮތްކަން ސާފުވެއްޖެ." އިމްރާން ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރު ހަމަވާން ގާތްވަމުން އަންނަ އިރު، އެ މަނިކުފާނު ވަނީ ކޯލިޝަން ވަރަށް ކާމިޔާބުކޮށް ދަމަހައްޓައިފަ އެވެ. މި ކޯލިޝަންގައި ހިމެނެނީ އެމްޑީޕީ އާއި އަދާލަތާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއާރްއެމެވެ. ރައީސް ވިދާޅުވި ގޮތުގައި ދެން ވެސް އުފެދޭނީ ކޯލިޝަން ސަރުކާރެކެވެ. ސަބަބަކީ ރާއްޖޭގެ ސިޔާސީ މަސްރަހު އިތް ގޮތުން އެއް ޕާޓީއަކަށް އިންތިހާބުކުރަން ހުރަސްތައް ހުރުމެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.