Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ނަޝީދަށް އޮތީ ބަލި ގަބޫލު ކުރުން: ނިޔާޒު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އިއްޔެ ބަލިވެވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިހާރު އޮތް ހަމައެކަނި ގޮތަކީ ބަލި ގަބޫލުކުރައްވައި ކުރިއަށް ވަޑައިގެންނެވުން ކަމަށް އެމްޑީޕީ ޗެއަޕާސަންގެ ނާއިބު އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް މަރުހަބާ ވިދާޅުވެ އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާމިޔާބީގައި ހިތްތިރިކޮށް ނާކާމިޔާބީގައި ހިތްވަރުގަދަ ކުރުމަކީ އެމްޑީޕީން ދަސްވި އަގުހުރި ފިލާވަޅެއް ކަމަށެވެ.

"މާޒީން އިބުރަތް ހާސިލްކޮށް ފެންނަން އޮތް ނަތީޖާއާ އެކީ ކުރިއަށް ދިއުން ނޫން ޗޮއިސްއެއް ނެތް،: ނިޔާޒު ވިދާޅުވި އެވެ. "މަރުހަބާ ރިޔާސީ ކެނޑިޑޭޓް ރައީސް އިބޫ، މަރުހަބާ އެމްޑީޕީ."

ޕްރައިމަރީ ބޮޑު ތަފާތަކުން ނަޝީދަށް ގެއްލުމުން ވަނީ ބަލި ގަބޫލުކުރައްވަން ދެކޮޅު ހައްދަވައިފަ އެވެ. އަދި އިއްޔެ ޕްރައިމަރީގެ ތެރެގައި އެ މަނިކުފާނުގެ ސަޕޯޓަރުންތަކެއް ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ހިންގަ އެވެ. އެގޮތުން ބައެއް ހިސާބުތަކުގައި ވޯޓްފޮށިތައް ފަޅާލާފައިވެ އެވެ.