Last Updated: April 26, 06:56
Friday, April 26, 2024
މުނިފޫހިފިލުވުން

"ޕަތާން" ގެ ޓީމް މީޑިއާތަކާ ބައްދަލުކުރަނީ

ބޮކްސް އޮފީހުގައި މިހާރު ރެކޯޑްތަކެއް ހަދަމުން ބޮލީވުޑްގެ ފިލްމު "ޕަތާން" ގެ ޓީމުން މާދަމާ މީޑިއާތަކާ ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި މަހުގެ 25 ގައި މި ފިލްމު ރިލީޒްކުރުމުގެ ކުރިން އޭގެ ޓީމުން ޕްރޮމޯޝަނަލް އެއްވެސް ހަރަކާތެއް ފިލްމުގެ ތަރިންނާ އެކީ ބާއްވައިފައެއް ނުވެ އެވެ.

އާންމުކޮށް ބޮލީވުޑްގެ ފިލްމުތައް ރިލީޒްކުރުމާ ދިމާކޮށް ވަރަށް ގަދައަށް ޕްރޮމޯޝަނަލް ހަރަކާތްތައް ޖައްސަ އެވެ. އެގޮތުން އެކި ސިޓީތަކަށް ތަރިން ދަތުރުކޮށް ފޭނުންނާ ބައްދަލުކުރުމާއި އިންޑިއާގެ އެކި ޗެނެލްތަކުން ގެނެސްދޭ ޝޯތަކަށް ތަރިން ގޮސް ފިލްމުތައް ޕްރޮމޯޓްކުރެ އެވެ. އެކަމަކު ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯންގެ އިތުރުން ޖޯން އަބްރަހަމް މައިގަނޑު ރޯލުތައް ކުޅުނު "ޕަތާން" ގެ ޓީމުން މިފަދަ އެެއްވެސް ހަރަކާތެއް ފިލްމު ރިލީޒްކުރުމުގެ ކުރިން ނުބާއްވަ އެވެ. އަދި ފިލްމާ ބެހޭ ގޮތުން މީޑިއާތަކަށް ތަރިން އެއްވެސް އިންޓަވިއުއެއް ވެސް ނުދެ އެވެ.

އެކަމަކު ފުރަތަމަ ފަހަރަށް "ޕަތާން" ގެ ޓީމް މާދަމާ މުމްބާއީ މީޑިއާތަކުން ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެގޮތުން ފިލްމުގެ ތިން ތަރިންނާ އެކީ ޑައިރެކްޓަރު ސިދާތު އާނަންދު ވެސް ބައިވެރިވާނެ ކަމަށް ނޫސްތަކުން ބުނެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ "ޕަތާން" ރިލީޒްކުރުމުގެ ކުރިން އެކި ކަހަލަ އުޒުރުތައް މައްސަލައަކަށް ނަގައި، އެ ފިލްމާ ދެކޮޅަށް އިންޑިއާގެ ބައެއް ހިސާބުތަކުގައި ވަރަށް ގަދައަށް މުޒާހަރާ ވެސް ކުރިކަމެވެ. އެގޮތުން ބައެއް ހިސާބުތަކުން ފިލްމު އަޅުވާ ސިނަމާތައް ރޯކޮށްލާނެކަމުގެ އިންޒާރު ވެސް ދީ، ފިލްމު ބޮއިކޮޓްކުރަން އޮންލައިންކޮށް ވެސް އެތައް ކެމްޕޭނެއް ހިންގި އެވެ.

އެކަމަކު ފިލްމު ރިލީޒްކުރި އިރު އެ ހޫނުކަން ފިލައި، "ޕަތާން" އަށް މުޅި އިންޑިއާ އިން އަންނަނީ ހޫނު ތަރުހީބެއް ލިބެމުންނެވެ. އަނެއްކޮޅުން ބޭރުގެ މާކެޓްތަކުގައި ވެސް މި ފިލްމުގެ ޖާދޫ ވަރަށް ގަދަ އެވެ. މިހާތަނަށް "ޕަތާން" އަށް އިންޑިއާ އާއި ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީ 412.43 ކްރޯޑް ރުޕީސް (50.6 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ. ރިލީޒްކުރިތާ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި އެ ވަރުގެ އާމްދަނީއެއް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

"ޕަތާން" އަކީ ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އުފެއްދުމެކެވެ.