Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ހުޅުމާލެ ހުޅަނގު-ދެކުނު ހާބަރު ތަރައްޤީ ކުރަނީ

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން / ފޮޓޯ: ކޮރަލް ގްލާސް

ހުޅުމާލޭ ހުޅަނގު-ދެކުނު ހާބަރު ތަރައްޤީ ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުވާލައިފިއެވެ.

ހުޅުމާލެ ހުޅަނގު-ދެކުނު ހާބަރު ތަރައްޤީ ކުރުމަށް އެޗްޑީސީން ހުޅުވާލީ އެ ސަރަހައްދު ތަރައްޤީކޮށް ޑިންގީ ހާބަރެއް ހިންގުމަށް އެދި ބަޔަކު ޝައުޤުވެރިކަން ފާޅުކުރުމުން ކަމަށް އެޗްޑީސީން ބުނެއެވެ. މިއާއެކު އެޗްޑީސީން ވަނީ އެ މަޝްރޫޢު އިތުރަށް ފުޅާކޮށް ހުޅުމާލޭގެ ދެކުނު ހާބަރު ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އާންމުކޮށް ހުޅުވާލާފައެވެ.

އެޗްޑީސީން މިިގޮތަށް ފުރުސަތު ހުޅުވާލިއިރު ޝައުޤުވެރިވާ ފަރާތްތަކުން 12 ފެބްރުއަރީގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަން ޖެހެއެވެ. އަދި މި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަން ވާނީ ހުޅުމާލޭގެ އިންވެސްޓްމެންޓް ގައިޑްލައިނާއި އެއްގޮތަށެވެ. މިމަޝްރޫޢާއި ބެހޭ ހުރިހާ ލިއެކިއުމެއްވެސް އެޗްޑީސީގެ ވެބްސައިޓުން މިހާރު ލިބޭނެއެވެ.

އެޗްޑީސީން މިގޮތަށް އާންމުކޮށް ފުރުސަތު ހުޅުވާލީ މިމަޝްރޫޢަށް ހުރިހާ ފަރާތްތަކަށްވެސް ކުރިމަތިލުމަށް ހަމަހަމަ ފުރުސަތެއް ދިނުމުގެ ބޭނުމުގައެވެ. ހުޅުމާލޭ ދެކުނުން ފެރީ ޓާމިނަލާއި ދިމާލުން އޮންނަ ސަރަހައްދަކީ މިހާރުވެސް މަހަށާއި އެހެން ދަތުރުތަކުގައި ނުކުންނަ ފަރާތްތަކުން ބޭނުންކުރާ ސަރަހައްދެކެވެ. މި ސަރަހައްދުގައި ޑިންގީ ޖެޓީ ހާބަރެއް ހިންގުމަށް ބަޔަކު ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، މިހާރުވެސް މި ސަރަހައްދަކީ ގިނަ އަދަދެއްގެ ގޮސް އުޅޭ ސަރަހައްދެކެވެ.