Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މިއަދުން ފެށިގެން ދިރާގު ޓީވީ ހުއްޓާލާނެ، ދެން އެސްއެސްނެޓް

އެސްއެސް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑް ލޯގޯ / ފޮޓޯ: އެސްއެސް ނެޓްވޯކް

ދިރާގުޓީވީ ހުއްޓާލިކަމުގައިވިއަސް އެސްއެސްނެޓުގެ ޙިދުމަތް ދިރާގުޓީވީ ޓެކްނިކަލް އެހީތެރިކަމާއެކު މާދަމާއިން ފެށިގެން ލިބޭނެ ކަމަށް އެސްއެސްނެޓުން ހާމަކޮށްފި އެވެ.

ސަން ސިޔާމް މީޑިއާގެ ދަށުން ހިންގާ އެސްއެސްނެޓުގެ ޙިދުމަތް ފެށުމަށް އެކުންފުނިން ތައްޔާރުވެފައިވާއިރު، މިރޭގެ ވަގުތެއްގައި ދިރާގު ޓީވީގެ ޙިދުމަތް އެއްކޮށް ހުއްޓާލާނެއެވެ. މިއާއެކު ކަސްޓަމަރުން މިވީ ދުވަސްތަކުގައި ދިން އެއްބާރުލުމަށް ދިރާގުން ވަނީ ޝުކުރުއަދާކޮށްފައެވެ.

ދިރާގު ޓީވީގެ ޙިދުމަތް ހުއްޓާލާއިރު ގިނަ ދިރާގު ޓީވީ ކަސްޓަމަރުންނަށް އެސްއެސްނެޓަށް ވަރަށް ފަސޭހަކަމާއި އެކު ބަދަލުވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިހާރުވެސް ދިރާގު ޓީވީ ބޭނުން ކުރާ ކަސްޓަމަރުން އެސްއެސްނެޓް ޕޯޓަލް މެދުވެރިކޮށް ޙިދުމަތަށް އެދި ލެވޭނެއެވެ. މި ޙިދުމަތް ފެބްރުއަރީ މަހު ދޭނީ ހިލޭ ކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެސްއެނެޓް ފެށުމާއި ގުޅޭގޮތުން ސަން ސިޔާމް މިޑިއާގެ އޮންލައިން ޕްލެޓްފޯމެއްގައި ވާހަކަ ދައްކަމުން އެސްއެސްނެޓްގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ، އެސްއެނެޓުގެ ޙިދުމަތް މިރޭ 12:00 ޖަހާއިރުން ފެށިގެން ދިރާގު ޓީވީ ކަސްޓަމަރުންގެ ތެރެއިން ރެޖިސްޓަރ ކުރައްވާފައިތިބި ކަސްޓަމަރުންނަށް އަޕްޑޭޓްތައް ލިބެމުންދާނެ ކަމަށެވެ.

އެގޮތުން ހެނދުނު އިރުއެރުމާއި ހަމައަށް ހުރިހާ ޖޯއި ބޮކްސްއަކަށް އަޕްޑޭޓްތައް ފޮނުވައި އެކުންފުނީގެ ޙިދުމަތައް އެއްކޮށް ބަދަލުކޮށް ނިންމުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. އެސްއެސްނެޓުގެ ޙިދުމަތުގައި މިހާރުވެސް ދިރާގުޓީވީގެ ޙިދުމަތައް ބޭނުން ކުރާ ޖޯއި ބޮކްސް ބޭނުން ކުރެވޭނެއެވެ. ހަމައެކަނި ރެޖިސްޓަރ ކުރުމުން އަޕްޑޭޓް ވާނީއެވެ.

ސަން މީޑިއާގެ ދަށުން ހިންގާ އެސްއެސް ނެޓްވޯކުގެ ބްރޯޑް ކާސްޓިިން ލައިސެންސާއި އެކު / ފޮޓޯ: ސަން

މޮންދު ވިދާޅުވި ގޮތުގައި 100 އަށް ވުރެ ގިނަ ޗެނަލާއިއެކު ޙިދުމަތް ފަށާއިރު، 'ދިރާގު ކޮލިޓީ' ގައި ޙިދުމަތް ދެވޭނެ ކަމަށެވެ. އެގޮތުން ދިރާގު ޓީވީން މިހާރުވެސް އާންމުކޮށް ލިބޭ ގިނަ ޗެނަލްތައް ލިބޭނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

މީގެ އިތުރުން ވީޑިއޯ އޮން ޑިމާންޑް ޙިދުމަތްވެސް ތަޢާރަފްކުރާއިރު މިހާރުވެސް ކޮންޓެންޓް މުއްސަނދިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޮންދު ވިދާޅުވިއެވެ. މިއާއެކު އެސްއެނެޓުގެ ޙިދުމަތަކީ އަގުހެޔޮ އަދި ފަސޭހައި ލިބޭ ރަނގަޅު ފެންވަރެއްގެ ޙިދުމަތައް ވެގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެކުންފުނިން ރެޖިސްޓްރޭޝަނަށް ހުޅުވާލުމާއެކު ދިރާގުޓީވީގެ ގިނަ ކަސްޓަމަރުންގެ ތަރުހީބު ލިބިގެން ދިޔަކަން އެކުންފުނިން ފާހަގަ ކުރެއެވެ. އެގޮތުން މިހާރުވެސް 90 އަށް ވުރެ ގިނަ ރަށުން ޙިދުމަތައް އެދިފައިވާކަން އެކުންފުނިންގެ މީގެ ކުރިން ވަނީ ފާހަގަކޮށްފައެވެ.