އަމާޒަކީ އޭޓީއާރްތަކާއިއެކު އެތެރޭގެ އުދުހުންތަކަށް މިހާރު އޮތް ޑީމާންޑާއި އެއްވަރަށް ޙިދުމަތް ފޯރުކޮށްދިނުން ކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަންއިން ހާމަކޮށްފިއެވެ.
މޯލްޑިވިއަންގެ ތިންވަނަ ބޯޓު އަންނަ މަހު ލިބޭނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވާއިރު، އެކުންފުނިން މިހާރުވަނީ އޭޓީއާރް 72-600 މަރުކާގެ ދެ ބޯޓު ގެނެސްފައެވެ. އަދި މި ދެބޯޓުވެސް މިހާރު ކޮމާޝަލް ދަތުރުތަކަށް ބޭނުން ކުރަން ފަށާފައިވާއިރު، މިއީ ތެޔޮ ޙަރަދު ކުޑަ އަދި އަޑުމަޑު ބޯޓުތަކެއް ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
މި ދެބޯޓުގެ އިތުރުން އޭޓީއާރް 42-600 މަރުކާގެ ބޯޓުވެސް ގެނައުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. މޯލްޑިވިއަންއިން ހާމަކުރިގޮތުގައި އެ ބޯޓުގެ ޓެސްޓު ދަތުރުތަށް މިހާރު ފްރާންސްގައި ދަނީ ކުރަމުންނެވެ. އަދި އަންނަ މަހުގެ ތެރޭ އެ ބޯޓުވެސް ލިބޭނެއެވެ.

މިމަހުގެ 21 ވަނަ ދުވަހު މޯލްޑިވިއަންގެ އައު އޭޓީއާރް ކޮމާޝަލް ދަތުރުތަށް ފެށުމާއި ދިމާކޮށް މީޑިއާއާއި ވާޙަކަ ދައްކަމުން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު މިހާދު ވިދާޅުވީ، އެކުންފުނީގެ މިހާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭ އިތުރު 5 އޭޓީއާރް ބޯޓު ހޯދުން ކަމަށެވެ. އަދި އެއް ވަތަރެއްގެ ގިނަ ބޯޓުތައް ހުރުމަކީ އޭގެ ހުރިހާގޮތަކުންވެސް ފައިދާ ވާނެ ކަމެއް ކަމަށް މިހާދު ވިދާޅުވިއެވެ.
މޯލްޑިވިއަންގެ މިހާރު އޮތް ފްލީޓަށް ބަދަލު ގެންނަން އެކުންފުނިން ނިންމާފައިވަނީ މިހާރު ތިބި ބޯޓުތައް ދުވަސްވެ، މެއިންޓެނެންސް އަށް ގްރައުންޑް ކުރަން ޖެހުން އިތުރުވެފައިވާތީއެވެ. މިއާއެކު މުޅިން އައު އޭޓީއާރް 3 ބޯޓު އެކުންފުނިން ގަނެފައިވާއިރު މިއީ މިހާރުގެ މި ބާވަތުގެ އުދުހުންތަކުގައި ބޭނުންކުރާ އެންމެ ރަނގަޅު ބޯޓުތައް ކަމަށް އެކުންފުނިން ބުނެއެވެ.