ރާއްޖެ އަށް ވައިގެ މަގުން އަންނަ ބިދޭސީއެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެ ނަމަ އެ މީހަކު ރާއްޖޭން ފޮނުވާލުމުގެ އިހުތިޔާރު ލިބިދޭ ގޮތަށް ގަވައިދެއް އެކުލަވާލައިފި އެވެ.
މިހާރު ގެޒެޓް ވެސް ކޮށްފައިވާ އިމިގްރޭޝަންގެ އެ ގަވާއިދުގައިވާ ގޮތުން ވައިގެ މަގުން ރާއްޖެ އަށް އަންނަ ބިދޭސީއަކު މަސްތުވާއެއްޗެއް އެތެރެކުރަން އުޅޭކަން ޝައްކު ކުރެވޭ ނަމަ އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ ހިފެހެއްޓުމުގެ އިޚްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވެ އެވެ. އަދި އެގޮތަށް އަމަލު ކުރެވޭނެ ވަކި ހާލަތްތަކެއް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
އޭގެ ތެރޭގައި ލަގެޖްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވުމާއި، މަސްތުވާތަކެތި އުފުލުމުގައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުން ކުރާކަމަށް ނުވަތަ އެ މީހަކު ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވުން ހިމެނެ އެވެ.
ގަވައިދުގައި އެގޮތަށް ކަނޑައަޅާފައި އޮތަސް އެ މީހަކު ރާއްޖެ އަށް އެތެރެވުމުގެ ހުއްދަ ދެވިދާނެ ވަކި ހާލަތްތަކެއް ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދޭން އެއްބަސްވުން ހިމެނުން ހިމެނެ އެވެ. އަދި އެ އެކަން ކުރަން ވާނީ އެ މީހަކު ރާއްޖެ އައި އެއާލައިނަކުން އޭނަ އަަށް އެނބުރި ގައުމަށް ފުރޭނެ އިންތިޒާމު ހަމަޖެއްސުމަށް ފަހުގައި ކަމަށް ވެސް ގަވާއިދުގައި ބުނެ އެވެ.
އިމިގްރޭޝަންގެ މި ގަވާއިދުން ފުލުހުން ހިންގާ މަސްތުވާތަކެއްޗާ ބެހޭ އޮޕަރޭޝަނަކަށް ހުރަހެއް ނޭޅޭނެ އެވެ.
މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާއީ މައްސަލަ އެވެ. ރާއްޖެ އަށް ބޭރުން އަންނަ މީހުންގެ އަތުން ފަހަކަށް އައިސް ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އަތުލައިގަންނަމުން ދެ އެވެ.