Last Updated: April 24, 23:11
Wednesday, April 24, 2024
މުނިފޫހިފިލުވުން

އަނޫރާގްގެ ފިލްމުން ވިކީގެ ކުރު ރޯލެއް

އެކްޓަރު ވިކީ ކޯޝަލް އަކީ ޑައިރެކްޓަރު އަނޫރާގެ ކޭޝަޕް 2018 ގައި ގެނެސްދިން ކާމިޔާބު ފިލްމު "މަންމަރްޒިޔާ" ގެ އެއް ބަތަލެވެ. ކާސްޓްގައި އަބީޝެކް ބައްޗަނާއި ތާޕްސީ ޕައްނޫ ވެސް ހިމެނޭ އެ ފިލްމަކީ ވިކީ އަށް ވަރަށް ބޮޑު ސަމާލުކަމެއް ވެސް ލިބުނު ފިލްމެކެވެ.

އޭގެ ފަސް ވަރަކަށް އަހަރު ފަހުން ވިކީ އަށް މިއޮތީ އަނެއްކާ ވެސް އަނޫރާގް ފިލްމެއް ލައްވާލައިފަ އެވެ. އެކަމަކު "މަންމަރްޒިޔާ" ގައި ކުޅުނު ކަހަލަ ބޮޑު ރޯލެއް ނޫނެވެ. އަނޫރާގްގެ "އޯލްމޯސްޓް ޕިޔާރު ވިތު ޑީޖޭ މުހައްބަތު" އިން ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ އަށް ލިބުނީ ހާއްސަ ކެމިއޯއެކެވެ. އެކަމަކު އެއީ ފިލްމުގެ ނަމާ ވެސް ގުޅިފައިވާ ޑީޖޭ މުހައްބަތުގެ ކެރެކްޓާ އެވެ.

އެ ހާއްސަ ކުރު ރޯލަށް އެއްބަސްވުމާ ބެހޭ ގޮތުން ވިކީ ބުނީ ރޯލު އޮފާކުރުމާ އެކީ ވަގުތުން އެއަށް އެއްބަސްވި ކަމަށެވެ.

"ވަރަށް ކުރު ރޯލެއް ނަމަވެސް ފިލްމުގެ ވާހަކައިގެ ވަރަށް ބޮޑު ހިއްސާއެއް ކެރެކްޓާ އަކީ. ޑީޖޭ މުހައްބަތުގެ ރޯލު ކުޅެން ލިބުމަކީ ވަރަށް ހާއްސަ ކަމެއް ވެސް މެ. އޭނަ އަކީ ހަގީގަތުގައި ލޯބީގެ އަޑު. އެހެންވީމަ އެ ރޯލު ކުޅެން ލިބުމަކީ ފަހުރެއް ވެސް މެ." ވިކީ ބުންޏެވެ.

އޭނަ ބުނި ގޮތުގައި "އޯލްމޯސްޓް ޕިޔާރު ވިތު ޑީޖޭ މުހައްބަތު" އަށް އެއްބަސްވި މައިގަނޑު ސަބަބަކީ އަނޫރާގްގެ ފިލްމަކަށްވުމެވެ.

"އެއީ އަސްލި އަހަރެންގެ މެންޓޯ ވެސް މެ. އަދި އެހާމެ ގާތް އެކުވެރިއެއް،" ކުރިއަރަމުން އަންނަ އެކްޓަރު ބުންޏެވެ. "އެހެންވެ އަނޫރާގްގެ ފުރުސަތެއް ދޫކޮށްލުމަކީ ވާނެ ކަމެއް ވެސް ނޫން."

"އޯލްމޯސްޓް ޕިޔާރު ވިތު ޑީޖޭ މުހައްބަތު" ގެ މައިގަނޑު ކާސްޓުންނަކީ ޒުވާން ބަތަލާ އަލާޔާ ފަރްނީޗަރުވާލާ އާއި އަލަށް ތައާރަފުކުރާ ކަރަން މެހެރާ އެވެ. މި ފިލްމު އަންނަ މަހުގެ 3 ގައި ސިނަމާތަކަށް ގެންނާނެ އެވެ.

ވިކީ، 34، ގެ އެންމެ ފަހުގެ ފިލްމަކީ ޑިސެމްބަރުގައި ގެނެސްދިން "ގޯވިންދާ ނާމް މޭރާ" އެވެ. މި އަހަރު ހައެއްކަ ފިލްމުން ހުނަރުވެރި އެކްޓަރު ފެންނާނެ އެވެ. އޭގެ ތެރޭގައި "ސޭމް ބަހާދޫރު" އާއި "ދުންކީ" އާއި "ދަ ގްރޭޓް އިންޑިއަން" ފެމިލީ" ގެ އިތުރުން އަދި ނަން އިއުލާން ނުކުރާ ދެ ފިލްމެއް ހިމެނެ އެވެ.