Last Updated: April 27, 06:00
Saturday, April 27, 2024
ދުނިޔެ

އޮލިމްޕިކްސްގައި ރަޝިއާ ބައިވެރި ނުކުރޭ

އަންނަ އަހަރު ބާއްވާ އޮލިމްޕިކްސްގައި ރަޝިއާ ބައިވެރި ނުކުރަން ޔުކްރޭންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ގޮވާލައްވައިފި އެވެ.

އޭނާ ވިދާޅުވީ ރަޝިއާ އަށް މުބާރާތުން ފުރުސަތު ދިނުމަކީ އެ ގައުމުން ހިންގަމުންދާ ޓެރަރިޒަމްގެ އަމަލުތަކަށް ދެވޭ ހިތްވަރެއް ކަމަށާއި ރަޝިއާގެ ޕްރޮފެގަންޑާ ފަތުރަން އޮލިމްޕިކްސް އިން މަގުފަހިކޮށް ދީގެން ނުވާނެ އެވެ. ރަޝިއާ އިން ދަނީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ޔުކްރޭންގެ އަތްގަދަކުރުމުގެ ނިޔަތުގައި އެ ގައުމާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

އެހެންވެ ރަޝިއާ އަށް އޮލިމްޕިކްސް އިން ފުރުސަތު ނުދޭން ގޮވާލައްވައި ޒެލެންސްކީ ވަނީ ކަންބޮޑުވުންތައް އަންނަ އަހަރުގެ އޮލިމްޕިކްސްގެ ބާއްވާ ފްރާންސްގެ ކަމާބެހޭ ފަރާތްތަކާ ވެސް ހިއްސާކުރައްވައިފަ އެވެ.

"ރަޝިއާގެ އެތުލީޓުންނަށް އޮލިމްޕިކްސްގައި ވާދަކުރަން ފުރުސަތުދޭ ނަމަ އެ ފަހިކޮށް ދެވެނީ އަދި ހިތްވަރު ދެވެނީ އެ ގައުމު ހިންގާ ޓެރަރިޒަމާއި ޕްރޮޕެގެންޑާ އަށް،" ޒެލެންކީ ވީޑިއޯ މެސެޖެއްގައި ވިދާޅުވި އެވެ. "އަދި އޮލިމްޕިކްސް އިން ރަޝިއާ އަށް ފުރުސަދު ދޭ ނަމަ އެ ބުނެވެނީ އެ މީހުންގެ ހިންގާ ޖަރީމާތަކާ ރުހެމޭ."

އޭނާ ވަނީ ރަޝިއާ އަށް ފުރުސަތު ދޭ ނަމަ ޔުކްރޭނުން އޮލިމްޕިކްސް ބޮއިކޮޓްކުރާނެކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ބުނެފައި ވަނީ އަންނަ އަހަރުގެ އޮލިމްޕިކްސްގައި ރަޝިއާގެ އިތުރުން ވަކި ގައުމެއްގެ ގޮތުހައި ބެލާރުސްގެ އެތުލީޓުންނަށް ވެސް ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އަންނަ އަހަރުގެ އޮލިމްޕިކްސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި 26 އިން އޮގަސްޓް 11 އަށެވެ.