Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ނަޝީދު އެންމެ ފަހުން ބަލި ގަބޫލުކޮށްފި

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވުމުން ބަލި ގަބޫލުކުރައްވަން ދެކޮޅު ހެއްދެވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެންމެ ފަހުން ބަކި ގަބޫލުކުރައްވައިފި އެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް އެ މަނިކުފާނު ހެނދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފި ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ގިނަ ވޯޓް އުނިވާނެ ކަމަށާއި ވޯޓާސް ލިސްޓަށް ބަލާ ނަމަ ކުޑަ ފަރަގަކުން ރައީސް މޮޅުވެދާނެ ކަމަށެވެ.

ނަމަވެސް ޕްރައިމަރީ ކާމިޔާބުކުރެއްވުނަސް ރައީސަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ.

"[އެހެންވެ] އަޅުގަނޑު ހުށަހަޅަނީ ފިކުރެއްގެ ދިރުން ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި، ކަނޑާލި ނުވަދިހަ ތިންހާހާށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާ އެކު އަޅުގަނޑުމެންނަށް ފެންނަ ގޮތް ނިންމުން." ނަޝީދު ވިދާޅުވި އެވެ. "ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ ފަހުން."

އަޑުތައް އަރާފައިވާ ގޮތުން ނަޝީދު މިހާރު ބޭނުންވެވަޑައިގަންވާ ފަދަ ބަދަލެއް އެމްޑީޕީގެ ތެރެއިން ނުފެނިއްޖެ ނަމަ އެ މަނިކުފާނު އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓެވެ. ޕްރައިމަރީގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު، ވޯޓްލީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 71 ޕަސެންޓެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.

އެމްޑީޕީން މިހާރު ތައްޔާރު ވަނީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ސޯލިހާ ރަސްމީކޮށް އަންނަ މަހު ރިޔާސީ ޓިކެޓް ހަވާލުކުރުމަށެވެ.