Last Updated: April 25, 06:02
Thursday, April 25, 2024
މުނިފޫހިފިލުވުން

"މެޓްރޯ 2" ގެ ދަތުރު ޑިސެމްބަރު 8 ގައި

މިދިޔަ މަހު އިއުލާންކުރި ޑައިރެކްޓަރު އަނޫރާގް ބާސޫގެ "ލައިފް އިން އަ…މެޓްރޯ" ގެ ސީކްއެލް މި އަހަރުގެ ފަހުކޮޅު ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒާ ގުޅިގެން ހަދާ "މެޓްރޯ…އިން ދިނޯ" ބެލުންތެރިންނަށް ދޫކޮށްލަން ތާވަލުކުރީ ޑިސެމްބަރު 8 އަށެވެ. މި އެންތޮލޮޖީގެ ކާސްޓްގައި ސާރާ އަލީ ޚާން، އަދިތިޔާ ރޯއި ކަޕޫރް، އަނޫޕަމް ކޭރް، ނީނާ ގުޕްތާ، އަލީ ފަޒަލް، ފާތިމާ ސަނާ ޝައިހް، ކޮންކޮނާ ސެން ޝަރުމާ އަދި ޕަންކަޕް ޓްރިޕަތީ ހިމެނެ އެވެ.

މި ކާސްޓުންނަށް ބަލާ އިރު ކޮންކޮނާ އަކީ 2007 ގައި ގެނެސްދިން "ލައިފް އިން އަ…މެޓްރޯ" ގައި ވެސް ހިމެނޭ ތަރިއެކެވެ. އޭގެ ކާސްޓްގައި ޝިލްޕާ ޝެޓީ، ޝައިނި އަހޫޖާ، ކަންގަނާ ރަނާވަތު، ކޭކޭ މެނަން، ދަރްމެންދުރާ، ނަފީސާ އަލީ، އިރުފާން ޚާން އަދި ޝަރުމަން ޖޯޝީ ވެސް ހިމެނެ އެވެ.

އަނޫރާގްގެ އާ ފިލްމުގެ ކާސްޓްގައި ހިމެނޭ އަދިތިޔާ އާއި ޕަންކަޖްގެ އިތުރުން ފާތިމާ އަކީ އޭނަ އެންމެ ފަހުން 2020 ގައި ގެނެސްދިން އެންތޮލޮޖީ ފިލްމު "ލޫޑާ" ގެ ކާސްޓްގައި ވެސް ހިމެނޭ ތަރިންތަކެކެވެ.

"މެޓްރޯ…އިން ދިނޯ" އަށް ފަހު އަނޫރާގް ހަދާނީ "އާޝިގީ 3" އެވެ. އޭގެ ބަތަލަކަށް ވަނީ ކާތިކް އާރިއަން ނަގައިފަ އެވެ. އަނޫރާގަކީ "ބަރްފީ" އާއި "މާޑާ" އަދި "ގޭންގްސްޓާ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.