Last Updated: April 25, 22:42
Friday, April 26, 2024
މުނިފޫހިފިލުވުން

"ބީވީމާ" ގެ ތީމް ލަވަ އާންމުކޮށްފި

އަންނަ މަހު އޮލިމްޕަސް ސިނަމާ އަށް ގެންނަ ފިލްމު "ބީވީމާ" ގެ ތީމް ލަވަ މިއަދު އާންމުކޮށްފި އެވެ.

ފިލްމުގެ ޓައިޓްލް އިން ނަން ދީފައިވާ މި ލަވަ ކިޔާފައި ވަނީ "ބީވީމާ" އިން އެކްޓިން އަށް ރަސްމީކޮށް ނުކުންނަ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި ޝަލަބީ އިބްރާހީމެވެ. ލަވައިގެ މިއުޒިކާއި މެލޮޑީ މުނާޒް ޒުބައިރު ހެދި އިރު، ލަވައިގެ ޅެން ލިޔުނީ ފިލްމުގެ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓް ވެސް ކުރި އަހުމަދު ޒަރީރެވެ.

އަންނަ މަހުގެ 6 ގައި އަޅުވާ "ބީވީމާ" އަކީ ފުރާވަރު ދުވަސްވަރު އެކީގައި ކިޔަވަން އުޅުނު ދެ ލޯބިވެރިންގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. މި ފިލްމު ހަދާފައި ވަނީ 2019 ގެ ތަމަޅަ ރޮމޭންޓިކް ޑްރާމާ ފިލްމު "96" އަސްލަކަށް ބަލައިގެންނެވެ.

ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދޭ "ބީވީމާ" ގައި ދެ މީހެއްގެ ހަޔާތުގެ ދެ ދައުރެއް ދައްކުވައިދޭ އިރު، އަޝްފާގެ ފުރާވަރުގެ ރޯލުން ފެންނާނީ ޒުވާން ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) އެވެ. އަދި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ގެ ފުރާވަރުގެ ރޯލުން އަލަށް ތައާރަފުވާ އާދަމް ޒިދާނެވެ.

"ބީވީމާ" އަކީ 2020 ގެ "އަނދިރިކަން" އަށް ފަހު އޮލިމްޕަހަށް ގެންނަ ފުރަތަމަ ފިލްމެވެ.