Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ފައްޔާޒް އެދެނީ ނަޝީދު ދެވަނަ ވިސްނުމަކަށް ދާން

އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުތުމުން، ޕްރައިމަރީ ކާމިޔާބު ކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުނުކޮށް "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރެއިން ހަރަކާތްތަކެއް ހިންގަވަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމާ ގުޅިގެން އެކަމާ ދެވަނަ ވިސްނުމަކަށް ދާން ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެދިވަޑައިގެންފި އެވެ.

ނަޝީދު މިއަދު ބަލި ގަބޫލުކުރައްވައި ވިދާޅުވީ ރައީސަށް ޕްރައިމަރީ ކާމިޔާބުކުރެއްވުނަސް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެއްވޭނެ ކަމަށެވެ.

"[އެހެންވެ] އަޅުގަނޑު ހުށަހަޅަނީ ފިކުރެއްގެ ދިރުން ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި، ކަނޑާލި ނުވަދިހަ ތިންހާހާށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާ އެކު އަޅުގަނޑުމެންނަށް ފެންނަ ގޮތް ނިންމުން،" ނަޝީދު ވިދާޅުވި އެވެ. "ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ ފަހުން."

ނަޝީދުގެ ވާހަކަތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި ފައްޔާޒު ވިދާޅުވީ "އަލުން ތިކަމާ މެދު ވިސްނާލެއްވުމަށް އެދެން" ކަމަށާއި "ޕާޓީގެ އުސޫލާ ގަވާއިދު ބަދަލުނުކޮށް ތި ގޮތަށް ކަންކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ" ކަމަށެވެ.

އޭނާ ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދު ވެސް ބުނާ ގޮތުން ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓަކީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހުބުގައި ވާދަކުރައްވާނެ ކެންޑިޑޭޓު ކަމަށެވެ.