Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

އެމްޑީޕީ ދޫކޮށެއް ނުލާނަން: ނަޝީދު

އެމްޑީޕީގެ ތެރޭގައި މިހާރު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް އެ ޕާޓީ ދޫކޮށްނުލައްވާނެ ކަމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގައި ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތުމުން މިއަދު ބަލި ގަބޫލުކުރެއްވުމަށް ފަހު، ކެމްޕޭން ޓީމްތަކާ އެކީ ދޮންމަނިކު ސްކައި ވިއު ރެސްޓޯރަންޓްގައި ބޭއްވި މެންދުރު ކެއުމުގެ ތެރޭގައި ބައިވެރިންނާ މުހާތަބު ކުރައްވައި ނަޝީދު ވިދާޅުވީ އެމްޑީޕީ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ނަަމަވެސް ނަޝީދު މިހާރު ބޭނުންވެވަޑައިގަންނަވަނީ އެ މަނިކުފާންގެ ކެމްޕޭން ސްލޯގަންއަކަށް ބޭނުން ކުރެއްވި "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގައި ވަކި ގޮތްޕެއް ހަދައިގެން ކުރިއަށް ވަޑައިގަންނަވާށެވެ.

"އެމްޑީޕީ އެކަނި އަޅުގަނޑު ދަންނަ ސިޔާސީ ޕާޓީއަކީ. އަދި އަޅުގަނޑު ދެކޭގޮތުގައި އެއީ އުވޭނެ ޕާޓީއެއް ވެސް ނޫން،" ނަޝިދު ވިދާޅުވި އެވެ. "ބަލިވާނެ ޕާޓީއެއް ވެސް ނޫން. އެއީ ގަދަ ޕާޓީއެއް."

ނަޝީދު ވިދާޅުވީ ދުވަހަކު ވެސް އެމްޑީޕީ ދޫނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެ ޕާޓީގެ ތެރޭގައި އަޅުގަނޑުމެންނަށް އިންތިޒާމު ވެވޭނެ. އެ ޕާޓީގެ ހިންގާ ގަވާއިދު ވެސް ޖާގަ ދޭނެ،" ނަޝީދު ވިދާޅުވި އެވެ. "އަދި އެ ޕާޓީގެ ރޫހާއި އެ ޕާޓީގެ ވިސްނުންތައް ވެސް މި ކަމަށް ޖާގަ ދޭނެ."

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓެވެ. ޕްރައިމަރީގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު، ވޯޓްލީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 71 ޕަސެންޓެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.