Last Updated: April 25, 09:40
Thursday, April 25, 2024
މުނިފޫހިފިލުވުން

"ޕަކީޒާ" ގެ ރިމޭކެއް ޕާކިސްތާނަށް

ހިންދީ ސިނަމާގެ ހިތްގައިމު ފިލްމެއް ކަމަށްވާ "ޕަކީޒާ" ގެ ރިމޭކެއް ޕާކިސްތާނުން ހަދަން ނިންމައި، އޭގެ ލީޑް ބަތަލާއަކަށް އެ ގައުމުގެ މަޝްހޫރު ބަތަލާ މާހިރާ ޚާން ހަމަޖައްސައިފި އެވެ.

އޭނަ އަކީ ހިންދީ ފިލްމެއް ވެސް ކުޅެފައިވާ ބަތަލާއެކެވެ. މާހިރާގެ ހިންދީ ފިލްމަކީ ޝާހްރުކް ޚާނާ އެކީ ކުޅުނު 2016 ގެ "ރައީސް" އެވެ.

މީޑިއާތަކުން ބުނީ 1972 ގެ މިއުޒިކަލް ރޮމޭންޓިކް ޑްރާމާ "ޕަކީޒާ" ގައި މީނާ ކުމާރީ ކުޅުނު ރޯލަށް މާހިރާ ނެގުމަށް ފަހު، ފިލްމުގެ އިތުރު ކާސްޓުންނަށް ޕާކިސްތާނުގެ މަޝްހޫރު ތަރިންތަކެއް ހަމަޖައްސަން ނިންމާފައި ކަމަށެވެ. މީގެ ރައިޓްސް ހޯދައި ފިލްމުގެ ޕާކިސްތާން ރިމޭކް ޕްރޮޑިއުސްކުރަނީ ޔޫއޭއީގައި ދިރިއުޅޭ ހާމިދު ހުސައިނެވެ. ފިލްމު އުފައްދާނީ އޭނަގެ ޕްރޮޑަކްޝަން ހައުސް، އެކްޝަން ކޮންސަލްޓެންސީންނެވެ.

މާހިރާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ފަވާދު ޚާންގެ "މައުލާ ޖަޓް" އެވެ.

"ޕަކީޒާ" އަކީ ކަލަމް އަމްރޯހީ ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ. ވަރަށް ހިތްގައިމު ލަވަތަކެއް ވެސް ހިމެނޭ ފިލްމުގެ ބަތަލުންނަކީ އަޝޯކް ކުމާރާއި ރާޖް ކުމާރެވެ.