Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

ޅ. އަތޮޅު ހޮސްޕިޓަލަށް ޑައިލަސިސް ސެންޓަރެއް

އެމްޑަބްލިޔުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޅ. އަތޮޅު ހޮސްޕިޓަލްގައި ޑައިލަސިސް ސެންޓަރެއް ހަދައިދީފި އެވެ.

މި ސެންޓަރު އިމާރާތްކޮށްފައިވަނީ ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯއްދަވާ ބަލި މީހުންނަށް ހާއްސަ ދެ އެނދާއި އެއް އައިސޮލޭޝަން ރޫމް އަދި ޑައިލިސިސް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވޭނެ ގޮތަށެވެ.

ޅ. ނައިފަރުގައި ގާއިމުކުރި މި ސެންޓަރު ތަރައްގީކުރުމުގެ މަގުސަދަކީ މިސަރަހައްދުގެ އަތޮޅުތަކުގައި ދިރިއުޅޭ ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

އެގޮތުން މި ސެންޓަރުގެ ސަބަބުން މި ސަރަހައްދުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުން މާލެ އައުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ނުވަތަ ޅ. އަތޮޅުން ވީހާވެސް ގާތުން، ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިގެންދާނެ ކަމަށް ފެން ކުންފުނިން މައުލޫމާތުދެ އެވެ.

މީގެ އިތުރުން ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރަންޖެހޭ ހޭދައާއި، ހިދުމަތް ހޯދުމުގައި އުފުލަންޖެހޭ ތަކްލީފުތަކަށް މިސެންޓަރުގެ ސަބަބުން ލުޔެއް ލިބިގެންދާނެ ކަމަށްވެސް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގެ ޑައިލަސިސް ސެންޓަރުގެ ހިދުމަތް ކުރިއަށް އޮތް ފެބުރުވަރީ މަހުގެ ތެރޭގައި އާއްމުންނަށް ލިބިގެންދާނެ އެވެ. މި ޑައިލަސިސް ސެންޓަރު ހެދުމަށް އަށް ލައްކައަށް ވުރެން ގިނަ ރުފިޔާ ފެން ކުންފުނިން ހަރަދުކޮށްފައިވެ އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އަމާޒަކީ އެ ކުންފުނިން ތަރައްގީގެ ހަރުފަތްތައް ގިރާކުރަމުންދާއިރު ކުރިމަގުގައިވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ދިވެހި މުޖުތަމައަށް ލާބައާއި މަންފާ ލިބޭ އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.