މިއަދު ފާހަގަކުރާ އެލައިޑް އިންޝުއަރެންސަށް 38 ވަނަ އަހަރީ ދުވަހާ ފުރުމާ ދިމާކޮށް ފުލުހުންނަށް 100 ހެލްމެޓް ހަދިޔާކޮށްފި އެވެ.
މަގުމަތީގެ ރައްކާތެރި ކަމަށް ފުލުހުން ހިންގާ "ރައްކާ" ޕްރޮގްރާމަށް ހާއްސަކޮށްގެން ހަދިޔާކުރި ހެލްމެޓްތައް ހަދިޔާކުރީ މިއަދު އެލައިޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އެލައިޑްގެ ފަރާތުން ހެލްމެޓު ހަދިޔާކޮށް ދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާނެވެ. ފުލުހުންގެ ފަރާތުން ހެލްމެޓުތަކާ ހަވާލުވެވަޑައިގެންނެވީ ހެޑް އޮފް ރޯޑް ސޭފްޓީ އެވެއަރނެސް އެންޑް ޕްރިވެންޝަން ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އަހުމަދު ފަސީހެވެ.
Allied Anniversary Special Press Event highlights. We were pleased to handover 100 helmets to Rakka program organized by @PoliceMv #38yearsofassurance pic.twitter.com/VkcU9PqNTO
— Allied Insurance (@alliedmv) January 30, 2023
ފިރުޝާން ވިދާޅުވި ގޮތުގައި "ރައްކާ" ޕްރޮގްރާމަކީ މަގުމަތީ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ފުލުހުންނާ ގުޅިގެން ހިންގާ ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ.
އެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވީ "ރައްކާ" ޕްރޮގްރާމުގެ ދަށުން އެލައިޑުން ވެދީފައިވާ އެހީ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އެގޮތުން އަމަލީ ގޮތުން ފުލުހުން ހިންގާ ޕްރޮގުރާމުތަކުގައި ބައިވެރިވުމާއި ވީޑިއޯ އަދި ބިލްބޯޑު ފަދަ ތަކެތި ހެދުމުގައި އެ ކުންފުނިން ދެމުން އަންނަ އެހީތެރިކަން ފާހަގަކުރެއްވި އެވެ. އަދި އެލައިޑުން ހަދިޔާ ކުރި ހެލްމެޓުތައް ދޭނީ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކުގައި ހެލްމެޓު އަޅަން ޖެހޭ ތަންތަނުގައި ކުރިއަށް ގެންދާ ޕްރޮގްރާމުތަކުގައި ކަމަށް ފަސީހު އެވެ.
މިދިޔަ މަހު ޝީޝާ އިން ވެސް ފުލުހުންނަށް އައްޑު އަށް ބެހުމަށް 500 ހެލްމެޓް ވެސް ދީފައިވެ އެވެ. އެ ހެލްމެޓްތައް މި މަހު ވަނީ ބަހައިފަ އެވެ.
އެލައިޑުން މިއަދު ބުނީ ދުވަހާ ގުޅުވައިގެން މާދަމާ އިން ފެށިގެން މޮޓޯ ކޮމްޕްރިހެންސިވް އިންޝުއަރެންސް ނަގާ ފުރަތަމަ 145 ކަސްޓަމަރުންނަށް ހެލްމެޓް ދޭނެ ކަމަށެވެ. އެ އިންޝުއަރެންސް އެލައިޑު ނުވަތަ އެލައިޑުގެ އިސްލާމިކް ވިންޑޯ "އަޔާދީތަކަފުލް" މެދުވެރިކޮށް ވެސް ނަގައިގެން ހެލްމެޓު ލިބޭނެ އެވެ.