Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

ބޮއި އަޅަން މޫދަށް ފޭބި ޒުވާނަކު މަރުވެއްޖެ

އދ. މާފުށިވަރު ރިސޯޓް ކައިރިއަށް މޫދަށް ފޭބި ޒުވާނަކު މަރުވެއްޖެ އެވެ.

މަރުވީ ރ. އިނގުރައިދޫ މާހާ، ނިޝާހް ޢަބްދުލް އަފޫރް، 18، އެވެ.

ފުލުހުން ބުނީ މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ބޮއި އަޅަން މޫދަށް ފައިބައިގެން އުޅުނު 18 އަހަރުގެ ފިރިހެނަކު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދާކަމުގެ މަޢުލޫމާތު ލިބުނީ އިއްޔެ އިރާކޮޅު 7:00 ޖަހަން އުޅެނިކޮށް ކަމަށެވެ. އަދި އޭނާ މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގެނބުމުގެ ހާދިސާއަކާ ގުޅިގެން ނިޝާހް ވަކިވެގެން ދިޔަ އިރު އޭނަ އަކީ ރ. އިނގުރައިދޫގައި މަސް ހިފަން މޫދަށް އެރި އުޅެނިކޮށް ގެނބެމުން ދިޔަ ކުއްޖަކު ސަލާމަތްކުުރި ޒުވާނެކެވެ. ނޮވެމްބަރު 18، 2018ގައި ހިނގި އެ ހާދިސާގައި ނިޝާހު ދެއްކި ހިތްވަރު ފާހަގަކޮށް، އޭނަ އަށް ޖެހިގެން އައި އަހަރު ރައީސް ދެއްވާ ހާއްސަ އިނާމު ވެސް ލިބިފައިވެ އެވެ.