Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މުދަލު ޒަކާތުގެ ނިސާބަށް އިތުރު ބަދަލެއް

މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް އަނެއްކާ ވެސް ބަދަލެއް ގެނެސްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިއްޔެ އިން ފެށިގެން މުދަލު ޒަކާތުގެ ނިސާބު ވާޖިބުވާ ނިސްބަތަކީ މިހާރު 7,062.65ރ. ކަމަށެވެ. މިއީ އަހަރު ފެށުނު ފަހުން މުދަލު ޒަކާތުގެ ނިސާބަށް ބަދަލު އައި ފުރަތަމަ ފަހަރެވެ.

މުދަލުގެ ޒަކާތަށް އެންމެ ފަހުން ގެނައި ބަދަލަށް ބަލާ އިރު މިދިޔަ ސެޕްޓެމްބަރު މަހުގެ 20 އިން ފެށިގެން ނިސާބަކީ 5،777.45ރ. އެވެ. އެއީ އޭގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހު މުދަލުގެ ނިސާބަށް ކަނޑައެޅި މިންވަރަށް ވުރެ 618.80ރ. ކުޑަ ވުމެކެވެ. އޭރު މުދަލު ޒަކާތް ވާޖިބުވާ ނިސާބަކަށް ކަނޑައެޅީ 6،396.25ރ. އެވެ.

އޭގެ ކުރިން މުދަލު ޒަކާތުގެ ނިސާބަކީ 7،241.15ރ. އެވެ.

އާންމުކޮށް މުދަލުގެ ނިސާބަށް ބަދަލު އަންނަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުންނެވެ. އަދި ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެ އެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ އަހަރެއް ހަމަވެއްޖެނަމަ އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ދެއްކުމަކީ ދީނީ ވާޖިބެކެވެ.