ހއ. ދިއްދޫ ބަނދަރު އަދި ޖެޓީ ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ 61 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ. އެގޮތުން ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި، ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތް 81 އިންސައްތަ ފުރިހަމަކުރެވިވާ ކަމަށެވެ.
މީގެ އިތުރުން، ހާބަރ ޕޭވްމެންޓް އެޅުމުގެ މަސައްކަތުގެ 77 އިންސައްތަ، އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 85 އިންސައްތަވެސް ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މި މަޝްރޫއުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 58 މީޓަރުގެ ގްރޮއިން ޖެހުމާއި، 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 6،858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއަކީ 75.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.