Last Updated: July 16, 16:42
Thursday, July 16, 2026
ކުޅިވަރު

ރެކޯޑު އަގަކަށް އެންޒޯ ޗެލްސީ އަށް

ބެންފީކާ އަށް ކުޅެމުން އައި އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ރެކޯޑު އަގަކަށް ޗެލްސީ އަށް ބަދަލުވެއްޖެ އެވެ.

އެންޒޯ ،22، ޗެލްސީ އަށް ބަދަލުވީ 105 މިލިއަން ޕައުންޑްގެ އަގަކަށެވެ. އެއާއެކު އެންޒޯ ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުގެ ކްލަބަކަށް އެންމެ ބޮޑު އަގެއްގައި ބަދަލުވި ކުޅުންތެރިޔާ އަށެވެ. މީގެކުރިން ޕްރިމިއާ ލީގުގެ ރެކޯޑު ޓްރާންސްފާ އަކީ އެސްޓަންވިލާ އިން މެންޗެސްޓާ ސިޓީ އަށް ޖެކް ގްރީލިޝް ބަދަލުވި ޓްރާންސްފާއެވެ. އެގޮތުން 2021 ވަނަ އަހަރު ގްރީލިޝް ސިޓީ އަށް ބަދަލުވީ 100 މިލިއަން ޕައުންޑަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓުގައި 10 މިލިއަން ޕައުންޑްގެ އަގަކަށް ބެންފީކާ އަށް ބަދަލުވި އެންޒޯ އަކީ މިދިޔަ އަހަރު ގަތަރުގައި ނިމިގެންދިޔަ ވޯލްޑް ކަޕް ހޯދި އާޖެންޓީނާ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އެގޮތުން ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ހޯދީ ވެސް އެންޒޯ އެވެ.

އެންޒޯގެ ޓްރާންސްފާއާ އެކު އިއްޔެ ނިމިގެންދިޔަ ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ޗެލްސީން ވަނީ 288 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. ޗެލްސީ މިވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ 10 ވަނައިގަ އެވެ.

ޗެލްސީން އެންޒޯގެ ސޮއި ހޯދިއިރު އެޓީމަށް ކުޅެމުން އައި އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޖީނިއޯ ވަނީ ލީގުގެ އެއްވަނައިގައި އޮތް އާސެނަލް އަށް 12 މިލިއަން ޕައުންޑްގެ އަގަކަށް ބަދަލުވެފަ އެވެ.