Last Updated: July 16, 16:42
Thursday, July 16, 2026
ކުޅިވަރު

ނިއުކާސަލް 24 އަހަރަށް ފަހު ފައިނަލަކަށް

އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ދެވަނަ ލެގުގައި ރޭ ނިއުކާސަލް ޔުނައިޓެޑުން 2-1 އިން ސައުތެމްޓަން އަތުން މޮޅުވެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ސައުތެމްޓަންގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކުރީ ނިއުކާސަލް އިންނެވެ. ނިއުކާސަލް ފައިނަލަށް ދަތުރުކުރީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މިއީ 1999 ވަނަ އަހަރަށް ފަހު ނިއުކާސަލް ދަތުރުކުރި ފުރަތަމަ ފައިނަލްކަން ފާހަގަކޮށްލެވެ އެވެ. އަދި މިއީ 1976 ވަނަ އަހަރަށް ފަހު ލީގު ކަޕްގެ ފައިނަލަށް ނިއުކާސަލް ދަތުރުކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފަސްވަނަ މިނެޓްގައި ޝޯން ލޯންގްސްޓާފް ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. އަދި މެޗުގެ 21 ވަނަ މިނެޓްގައި ނިއުކާސަލްގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ލޯންގްސްޓާފް އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗޭ އެޑަމްސް ވަނީ ގޯލެއް ކާމިޔާބުކޮށްދީ ސައުތެމްޓަން އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ.

ދެވަނަ ހާފްގައި ލީޑު ފުޅާކޮށްލަން ނިއުކާސަލް އަށް އިތުރު ފުރުސަތުތަކެއް ލިބުނު އިރު މެޗުގެ 82 ވަނަ މިނެޓްގައި ބްރޫނޯ ގިމަރޭސަށް ދެއްކި ރަތްކާޑާއެކު ނިއުކާސަލް އިން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ސައުތެމްޓަންގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ފައިނަލްގައި ނިއުކާސަލް ބައްދަލުކުރާނީ މެންޗެސްޓާ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. އެ ދެ ޓީމު ބައްދަލުކުރި ސެމީގެ ފުރަތަމަ ލެގު 3-0 އިން ކާމިޔާބުކުރީ ޔުނައިޓެޑުންނެވެ.

އިނގިރޭސި ލީގު ކަޕްގެ ފައިނަލް އޮންނާނީ މި މަހުގެ 26 ގަ އެވެ.