Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ސަން ސިޔާމާއި ރައީސް ސޯލިހް ބައްދަލުކޮށްފި

އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައިވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާ ބައްދަލުކުުރައްވައިފި އެވެ.

މި ބައްދަލުވުން އޮތީ އިއްޔެ ރައީސް އޮފީހުގަ އެވެ. ނަމަވެސް ބައްދަލުވުމާ ބެހޭ އެއްވެސް މައުލޫމާތެއް ދެ ފަރާތުން ހާމަކޮށްފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި ރައީސް ސޯލިހް ސިޔާމާ ބައްދަލުކުރެއްވީ ސިޔާމްގެ އެދިވަޑައިގަތުމަކަށެވެ. ދ. މީދޫ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ ސިޔާމަކީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ބޭފުޅެކެވެ.

ސިޔާމްގެ އެމްޑީއޭ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ކޯލިޝަން ބައިވެރިއެކެވެ. އެކަމަކު ފަހުން އެ ޕާޓީން ޕީޕީއެމާ އެކީ ސިޔާސީ އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

ސިޔާމާއި ރައީސް ބައްދަލުކުރެއްވި އިރު، ރައީސް ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ވެސް ކޯލިޝަނަކަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.