Last Updated: June 29, 10:25
Monday, June 29, 2026
ކުޅިވަރު

އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތް ފަށައިފި

ހިތަދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ހޮރައިޒަން އެކަޑަމީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ސައުތު ރީޖަން ފަސް ވަނަ އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތް ރޭ، އެއެކަޑަމީގެ ބެޑްމިންޓަން ކޯޓުގައި ފަށައިފި އެވެ.

ބެންކް އޮފް މޯލްޑިވްސްއިން ސްޕޮންސާރ ކޮށްގެން ބާއްވާ މި މުބާރާތުގައި މިފަހަރު 9 ޓީމަކުން ވާދަ ކުރެއެވެ. އެއީ ފިރިހެން 7 ޓީމާއި އަންހެން ދެޓީމެވެ. މި މުބާރާތުގައި ބައިވެރިވެފައިވަނީ، ދިރާގާއި، ކަސްޓަމްސް ރިކްރިއޭޝަންގެ އިތުރުން ހިތަދޫ ޔަޝީ އާއި، ސަބަތު ކެފޭ ފިރިހެން ޓީމާއި ހިތަދޫ ސްކޫލް ޓިމަކާއި ޕްރޯ އެކްސް އާއި ޕްރޯ ފައިވްއެވެ.

އަންހެން ޓީމް ތަކަކީ ސަބަތު ކެފޭ އަންހެން ޓީމާއި އައްޑޫ ސްޕޯޓްސްގެ ޓީމެވެ.

މުބާރާތް ހުޅުމުގެ ރަސްމިއްޔާތު ރޭ 8 ޖެހި އިރު ބާއްވަން ނިންމި ނަމަވެސް ފަހުން ވަނީ ހުޅުވުމުގެ ރަސްމިއްޔާތު ލަސްކޮށް، މުބާރާތުގެ ފުރަތަމަ މެޗް ކުޅެފައެވެ.

ރޭ ކުޅުނު ޑަބަލްސް ފުރަތަމަ މެޗްގައި، ކަސްޓަމްސް ރިކްރިއޭޝަންސް އާއި ސަބަތު ކެފޭ ފިރިހެން ޓީމް ބައްދަލު ކުރި މެޗް 2-1 ސެޓުން ކާމިޔާބް ކުރީ ސަބަތު ކެފޭ ފިރިހެން ޓީމެވެ. ރޭގެ ސިންގަލްސް ފުރަތަމަ މެޗްގައި ސަބަތު ކެފޭ ފިރިހެން ޓީމް އާއި ކަސްޓަމްސް ބައްދަލުޔ ކުރި މެޗް ކަސްޓަމްސްއިން ވަނީ 2-1 ސެޓުން ކާމިޔާބް ކޮށްފައެވެ.

ރޭގެ މެޗްތަކަށް ފަހު މުބާރާތް ހުޅުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަގްވެރިކޮށް ދެއްވަމުން ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފް ވަނީ މިފަދަ އިންތިޒާމެއް ހޮރައިޒަން އެކަޑަމީން ކުރިކަމަށްޓަކައި އެތަނުގެ މެނޭޖްމަންޓަށް ޝުކުރު ދަންނަވާފައެވެ. އަދި މުބާރާތުގައި ކުޅޭ ކުޅުންތެރިން ކުޅުވަރުގެ ރޫހާއި އެއްގޮތަށް ކުޅެ ކާމިޔާބް ހޯދުމަށް ޔަސްރިފް އެދިވަޑައިގަތެވެ.

މުބާރާތުގެ މިރޭވެސް ފޯރިގަދަ މެޗްތަކެއް ކުޅެވޭނެއެވެ، އެގޮތުން މިރޭ ހިތަދޫ ޔަޝީ އާއި ޕްރޯއެކްސްގެ މެޗްތަކެއް ކުޅެވޭނެއެވެ.
teamw

ހޮރައިޒަން އެކަޑަމީގެ ފަރާތުން މީގެ ފަސް އަހަރު ކުރިން ފެށި މި މުބާރާތަށް ގިނަ ބައެއްގެ އަމާޒް ހުއްޓިފައިވާ އިރު މިއަހރުގެ މުބާރާތަށް އޮފީސް ތަކުން މާލެއިން ކުޅުންތެރިން ގެނެސްފައިވާ ކަން ފާހަނގަ ކުރެވެއެވެ. އެހެންވެ މިއަހަރުގެ މުބާރާތް މާ ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ. އެގޮތުން ރޭގެ ފުރަތަމަ މެޗް ބެލުމަށްވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ގޮސްފައެވެ.

މި މުބާރާތް ބޭންކް އޮފް މޯލްޑިވްސް އިން މެއިން ސްޕޮންސާރ ކޮށްފައިވާ އިރު ކޯ ސްޕޮންސަރުން ނަކީ ދިރާގާއި މީޑިއާ ނެޓެވެ. މީޑިއާ ޕާޓްނަރަކީ އައްޑޫގެ އެންމެ ގިނަ މީހުން ބަލާ "އައްޑޫލައިވް"އެވެ.