މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ވަރޫން ދަވަނާއި ޖާންވީ ކަޕޫރްގެ "ބަވާލް" ރިލީޒްކުރަން ނިންމާފައި އޮތް ތާރީހު ކަމަށްވާ އެޕްރީލް 7 ގައި އެ ފިލްމު ރިލީޒް ނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ނިތޭޝް ތިވާރީ ޑައިރެކްޓްކުރި އެއްޗެކެވެ. މީޑިއާތަކުން ބުނީ މިދިޔަ އަހަރު ޝޫޓިން ނިންމާފައި އޮތް ފިލްމު ތާވަލުކޮށްފައި އޮތް ތާރީހުގައި ނުގެނެސްދޭން ނިންމީ އޭގެ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތްތަކަށް އަދިވެސް އިތުރު ވަގުތު ބޭނުންވާތީ އެވެ. އެގޮތުން "ބަވާލް" ގެ ވީއެފްއެކްސް އާއި ޓެކްނިކަލް ގިނަ މަސައްކަތްތަކެއް އަދި އޮތީ އެއްކޮށް ފުރިހަމަ ނުކުރެވި އެވެ.
"ބަވާލް" ފަސްކުރަން ނިންމުމާ ގުޅިގެން އެޕްރީލް 7 ގައި ގެނެސްދޭން މިހާރު ނިންމާފައި އޮތީ އަދިތިޔާ ރޯއި ކަޕޫރާއި މުރްނާލް ތާކޫރްގެ "ގުމްރާހް" އެވެ.
"ބަވާލް" އަކީ ވަރޫން އާއި ޖާންވީ އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ.
މި ފިލްމަކީ 2020 ގައި ދަންޖެހިގެން މަރުވި ސުޝާންތު ސިންގް ރާޖްޕޫތާއި ޝްރަދާ ކަޕޫރްގެ 2019 ގެ "ޗިޗޯރޭ" އަށް ފަހު ނިތޭޝް ގެނެސްދޭ ފުރަތަމަ ފިލްމެވެ. އޭނަ އަކީ އާމިރު ޚާންގެ "ޑަންގަލް" ވެސް ހެދި އަދި ބެލުންތެރިން ވަރަށް އިތުބާރުކުރާ މޮޅު ޑައިރެކްޓަރެކެވެ.