Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ފޭދޫން ގޯތި ދޫކުރުން "ކެންސަލް"!

އައްޑޫ ފޭދޫން ދޫކުރަން ނިންމި ގޯތިތަކަށް މާދަމާ އިން ފެށިގެން ފޯމް ދޫކުރަން ފަށާ ގޮތަށް ހަމަޖެހިފައި ވަނިކޮށް އެކަން ކެންސަލްކޮށްފި އެވެ.

އަވަށު އޮފީހުން އެކަން ކެންސަލްކުރީ ގޯއްޗަށް އެދި ހުށަޅަން ޖެހޭ ފޯމްގައި މައްސަލައެއް އުޅޭތީ އެކަން އިސްލާހު ކުރުމުގެ ގޮތުންނެވެ. އެގޮތުން ފޯމް އިސްލާހުކޮށްފައި ސިޓީ ކައުންސިލުން އެންގުމުން ގޯއްޗަށް އެދި ހުށަހަޅާ ފޯމްތައް ދޫކުރަން ފަށާނެ ކަމަށް ބުންޏެވެ.

ފޭދޫން 300 ގޯތީ ދޫކުރަން އިއުލާންކުރީ މިދިޔަ މަހުގެ 24 ގަ އެވެ. އެ އަވަށުން ގޯތި ދޫނުކުރާތާ އެތައް އަހަރެއް ފަހުން ދޫކުރަން އިއުލާންކުރި ގޯތިތަކުގެ ތެރެއިން 270 ގޯތި ފޭދޫ ރައްޔިތުންނަށް ހާއްސަކުރި އިރު، 30 ގޯއްޗެއް ހާއްސަކޮށްފައި ވަނީ ފޭދޫ ނޫން އަވަށްތަކުގެ މީހުންނެވެ. މި ގޯތިތަކަކީ 1،500 އަކަފޫޓްގެ ގޯތިތަކެވެ.

ކުރިން އޮތް ގޮތުން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މާދަމާ އިން ފެށިގެން މި މަހުގެ 16 އާ ހަމައަށެވެ.

ފޭދޫގެ އިތުރުން އައްޑޫގެ ހުޅުދު އާއި މީދޫން ކޮންމެ އަވަށަކުން 100 ގޯތި ދޫކުރަން ވެސް މިދިޔަ މަހުގެ 24 ގައި އިއުލާންކުރި އެވެ. އެ ދެ އަވަށުން ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ ގޯއްޗެވެ. މި ގޯތިތަކަށް މާދަމާ ފޯމް ދޫކުރަން ފަށާނެ އެވެ.

މީގެ އިތުރުން ހިތަދޫން 500 ގޯތި ދޫކުރަން މިދިޔަ މަހުގެ 25 ގައި އިއުލާންކުރި އެވެ. އެ ގޯތިތަކަށް ފޯމް ދޫކުރަން ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 5 އިން ފެށިގެންނެވެ. އަދި ސުންގަޑި ހަމަވާނީ 23 އަށެވެ.

ދިރިއުޅެން ގޯތި ދޫނުކުރާތާ ގިނަ އަހަރުތަކެއް ފަހުން އައްޑޫން 1،000 ގޯތި ދޭން އިއުލާންކުރީ މިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ތެރޭގަ އެވެ. އެހެންވެ މިކަން ބައެއް މީހުން ސިފަކުރީ ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކެމްޕޭނަށް ކުރެއްވި ކަމެއްގެ ގޮތުގަ އެވެ.

އަނެއްކޮޅުން މި ގޯތިތަކަށް 24 އާއި 25 ގައި ކައުންސިލުން އިއުލާންކުރީ ދަންވަރު ކަމަށްވާތީ އެއީ "ވަރަށް ބޭއަދަބީ" ކަމެއްގެ ގޮތުގައި ޕްރައިމަރީގައި ވާދަކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވާފައިވެ އެވެ.