Last Updated: July 27, 13:53
Monday, July 27, 2026
މުނިފޫހިފިލުވުން

ސަލްމާން ލައްވައި އާމިރު ފިލްމެއް ކުޅުވަނީ

އާމިރު ޚާން ޕްރޮޑިއުސްކުރާ ފިލްމެއް ސަލްމާން ޚާނަށް ހުށަހަޅައިފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި އާމިރުގެ ފިލްމު ކުންފުނި، އާމިރު ޚާން ޕްރޮޑަކްޝަނުން ގާތް އެކުވެރިޔާ ސަލްމާނަށް ހުށަހެޅީ މިދިޔަ އަހަރުގެ "ލާލް ސިންގް ޗައްޑާ" އަށް ފަހު އާމިރު ކުޅެން އޮތް، ޑައިރެކްޓަރު އާރްއެސް ޕްރަސައްނާގެ ފިލްމެކެވެ. މި ފިލްމަކީ ސްޕެއިންގެ ފިލްމެއް ކަމަށްވާ 2018 ގެ "ޗެމްޕިއަންސް" ގެ ހިންދީ ރީމެކެވެ.

މި ފިލްމު އާމިރު ކުޅޭ ގޮތަށް ކުރިން އޮތް ނަމަވެސް "ލާލް ސިންގް ޗައްޑާ" ގެ ބޮޑު ނާކާމިޔާބީއާ ގުޅިގެން އޭނަ ވަނީ ދޮޅު އަހަރުގެ ބްރޭކެއް އެކްޓިންއެއް ނަގައި، އެ ފިލްމު ނުކުޅެން ނިންމައިފަ އެވެ. އެކަމަކު ފިލްމުގެ ޕްރޮޑިއުސްކުރާނެ އެވެ.

ޕިންކްވިލާ އިން ބުނީ "ޗެމްޕިއަންސް" ގެ ރިމޭކް ކުޅެދޭން ސަލްމާނަށް ހުށަހަޅައި މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އޭނަ ފިލްމަށް އެއްބަސްވާނެކަމުގެ އިޝާރާތެއް ވެސް ދީފައިވާތީ، މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމީކޮށް ފިލްމު އިއުލާން ކުރާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ސަލްމާނަށް ފިލްމު އޮފާކުރީ އޭނައާ ވަރަށް ކުޅޭ ކަހަލަ ފިލްމަކަށް "ޗެމްޕިއަންސް" ވުމުންނެވެ.

ކޮމެޑީ ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން ފިލްމުގައި ކިޔައިދިނީ ހާއްސަ އެހީ އަށް ބޭނުންވާ ބަޔަކު ހިމެނޭ ބާސްކެޓް ޓީމަކަށް މުބާރާތެއް ކާމިޔާބުކޮށްދޭން "އާދަޔާހިލާފު" ކޯޗަކު ކުރާ މަސައްކަތެވެ.

އާމިރު ކުރިން ބުނެފައި ވަނީ "ޗެމްޕިއަންސް" އަކީ ވަރަށް ޝައުގުވެރި ފިލްމެއް ކަމަށާއި ޑައިރެކްޓަރު ޕްރަސައްނާ ހަދަން އުޅޭ ރިމޭކްގެ ސްކްރީޕްލޭ ވެސް ވަރަށް ފުރިހަމަ ކަމަށެވެ.

އާމިރު ޕްރޮޑިއުސްކުރާ ފިލްމެއް ސަލްމާނަށް ހުށަހެޅި އިރު، މި ދެ ތަރިން އެކީގައި ވަރަށް ކާމިޔާބު ފިލްމެއް ކުޅެފައިވެ އެވެ. އެއީ 1994 ގެ "އަންދާޒް އަޕްނާ އަޕްނާ" އެވެ.