އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ސްރީ ލަންކާގެ ރިޔާސީ އިންތިހާބުގައި އެ ގައުމުގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވާދަކުރައްވަން ނިންމަވައިފި އެވެ.
މިކަން އިއުލާން ކުރައްވައި ވިދާޅުވީ އޭނަގެ ޕާޓީ ސްރީ ލަންކަން ފްރީޑަމް ޕާޓީ ވެސް އޮތީ އެކަމަށް ތާއީދުކުރާ ގޮތަށް ކަމަށާއި އިންތިހާބު ކާމިޔާބު ވެސް ކުރައްވާނެ ކަމަށެވެ.
ސިރިސޭނާ އަލުން ވެރިކަމަށް ވަޑައިގަންނަވަން ނިންމެވިކަން އިއުލާންކުރެއްވި އިރު، އޭނަގެ ވެރިކަމުގެ ދައުރުގައި އެޕްރީލް 21، 2019 ގައި ލަންކާ އަށް ދިން އީސްޓަ ހަމަލާގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން، އިހުމާލުވި މައްސަލައިގައި މިދިޔަ މަހު ވަނީ 100 މިލިއަން ރުޕީސްގެ ބަދަލެއް ދޭން އޭނަގެ މައްޗަށް ހުކުމްކޮށްފަ އެވެ.
ސިރިސޭނާ ލަންކާގެ ރައީސްކަން ކުރެއްވީ ޖެނުއަރީ 9، 2015 އިން ނޮވެމްބަރު 18، 2019 އަށެވެ. އޭނަ ޑިފެންސް މިނިސްޓަރުގެ މަގާމާއި ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަމަންޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވެ އެވެ.
އަންނަ އަހަރު ބާއްވާ ލަންކާގެ ރިޔާސީ އިންތިހާބުގައި މިހާރު ވެރިކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ވެސް ވާދަކުރައްވާނެކަން ވަނީ އިއުލާންކޮށްފަ އެވެ.