Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ހޮޓެލް ޓެކް ފޯރަމްގައި ރާއްޖޭން ބައިވެރިވާނެ

މި އަހަރު ބާއްވާ 20 ވަނަ އިންޓަނޭޝަނަލް ހޮޓެލް ޓެކްނޮލޮޖީ ފޯރަމްގައި ރާއްޖޭން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަންނަ މަހުގެ 28-30 އަށް އޮސްޓްރިއާގެ ވިއެނާގައި ބާއްވަން ހަމަޖެހިފައިވާ މި ފޯރަމްގައި ރާއްޖޭން ބައިވެރިވެ، ވާހަކަ ދައްކާނީ ޑިޖިޓަލް މީޑިއާގެ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު ޝަފްރާޒް ހާފިޒެވެ. އޭނަ އަކީ ޕަލްސް ރިސޯޓް އެންޑް ހޮޓެލްސްގެ ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް މާކެޓިންގެ ޑިރެކްޓަރެވެ.

އިންޓަނޭޝަނަލް ހޮޓެލް ޓެކް ފޯރަމްގައި ޝަފްރާޒް ވާހަކަ ދައްކާނީ "ޗޭޒިން ޓްރެވެލާސް: އަ ޕޯސްޓް-ޕެންޑެމިކް ގައިޑް އޮން ހައު މޯލްޑިވްސް ހޮޓެލްސް ރީކްރިއޭޓެޑް އެވެއާނެސް" މި މައުޟޫއަށެވެ. ދުނިޔޭގެ ޓޫރިޒަމްގައި އެންމެ ފާހަގަކޮށްލެވޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖެ އަކީ ކޮވިޑަށް ފަހު ޓޫރިޒަމް ދާއިރާ އެންމެ ވަރުގަދަ އަށް ކޮޅަށް ޖެހި ގައުމެވެ.

އެގޮތުން ރާއްޖެ އިން އެކަމަށް ކުރި މަސައްކަތްތަކާއި ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކާއި ޓެކްނޮލޮޖީގެ އެހީގައި ޓޫރިޒަމް ދާއިރާ ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތްތައް ބައިނަލްއަގްވާމީ ދުނިޔެއާ ހޮޓެލް ޓެކް ފޯރަމްގައި ޝަފްރާޒް ހިއްސާކުރާނެ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ޓޫރިޒަމްގެ ދާއިރާގެ 200 އަށް ވުރެ ގިނަ މީހުން ބައިވެރިވާ ފޯރަމްގައި ދާއިރާއާ ގުޅުން ހުރި އެކި މައުޟޫތަކަށް 47 މީހަކު ވާހަކަ ދައްކައި، ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.