Last Updated: July 27, 13:53
Monday, July 27, 2026
މުނިފޫހިފިލުވުން

"ބޭޑް ބޯއިސް 4" އިއުލާންކޮށްފި

ވިލް ސުމިތާއި މާޓިން ލޯރެންސްގެ "ބޭޑް ބޯއިސް" ފްރެންޗައިޒްގެ ހަތަރު ވަނަ ބައި ނަހަދާނެކަމުގެ އަޑުތަކެއް މިދިޔަ އަހަރު އަރާފައި ވަނިކޮށް، އެ ފިލްމު އިއުލާންކޮށްފި އެވެ.

މިކަން އިއުލާންކޮށްފައި ވަނީ ސުމިތާއި ލޯރެންސް ފެންނަ އިންސްޓަގްރާމް ވީޑިއޯއެއްގަ އެވެ. އެކަމަކު އަދި ހަތަރު ވަނަ ބައިގެ ނަން ހާމައެއް ނުކުރެ އެވެ.

ސޮނީ ޕިކްޗާސް އިން ބުނި ގޮތުގައި ފިލްމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު "ބޭޑް ބޯއިސް 4" ޑައިރެކްޓްކުރާނީ 2020 ގެ "ބޭޑް ބޯއިސް ފޯ ލައިފް" ވެސް ޑައިރެކްޓްކުރި އާދިލް އާއި ބިލާލެވެ. އަދި ފިލްމުގެ ސްކްރީންޕްލޭއާ ހަވާލުވެފައި ވަނީ އެ ފިލްމުގެ ސްކްރީންޕްލޭގައި ވެސް ހިއްސާވި ކްރިސް ބްރެމްނާ އެވެ.

މަގުބޫލު ފްރެންޗައިޒެއްގެ ގޮތުގައި ބެލުންތެރިންގެ ލޯބި ހޯދި "ބޭޑް ބޯއިސް" ގެ ތިން ވަނަ 2020 ގައި ގެނެސްދިން އިރު، މީގެ ދެވަނަ ބައި ގެނެސްދިނީ 2003 ގަ އެވެ. އަދި ފުރަތަމަ ފިލްމު ރިލީޒްކުރީ 1995 ގަ އެވެ.

ޖުމްލަ 90 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ބޭޑް ބޯއިސް ފޯ ލައިފް" އަކީ ބޮކްސް އޮފީހުގައި 426.5 މިލިއަން ޑޮލަރު ހޯދި ފިލްމެކެވެ.