Last Updated: June 9, 10:56
Tuesday, June 9, 2026
ޚަބަރު

މާލެ ކައުންސިލް ގޮވައިގެން ސްޓެލްކޯ ކޯޓަށް ދަނީ

ފޮޓޯ: ސްޓެލްކޯ

މާލެސިޓީ ކައުންސިލުން އެކުލަވާލާ އާންމުކުރި އުސޫލެއް ބާތިލުކުރުމަށް ސްޓެލްކޯއިން ކޯޓަށް ދާނެކަން ހާމަކޮށްފިއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވީ، ސްޓެލްކޯގެ ހިދުމަތްތައް ސިޓީ ކައުންސިލާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ކައުންސިލުން މަގު ކޮނުން ފަދަ ކަންކަމުގައި ނަގަމުންދާ އަގުތަކަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އަގުތައް ބޮޑުކުރުމުން ރައްޔިތުންނަށް ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ސިޓީކައުންސިލުން ބައެއް އަގުތަކަށް ގެނައި ބަދަލުތަކުން ރައްޔިތުނަށް އޭގެ އަަސަރު ކުރާނެ ކަމަށާއި، މީގެކުރިން އަގެއް ނުނަގާ ކަންކަމަށްވެސް އަގު ނަގަން ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ މމި މައްސަލަ ފާހަގަކުރަނީ ސްޓެލްކޯއާއި ސިޓީ ކައުންސިލާއި ދެމެދުއޮތް ސިޔާސީ ހިޔާލު ތުތަފާތުވުމާ ގުޅިގެން ނޫން ކަމަށާއި، އެހެންނަމަވެސް ސިޓީކައުންސިލްގެ މި ނިންމުންތަކުން ރައްޔިތުންނަށް އުނދަގޫވެ ރައްޔިތުންނާ ސަރުކާރާ ދެމެދު ހިތްނުތަނަވަސްވާގޮތް ވާ ކަމަށެވެ.

ރައްޔިތުން ކަމެއްގައި މާލީ ބުރައެއް އުފުލަންޖެހޭނަމަ ކުރީބައިގައި އެކަން އެނގި ތައްޔާރާުވުމަށް ވަގުތު ލިބުމަކީ ބެސްޓް ޕްރެސްޓިސްކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުން އެކަންވެސް ކޮށްފައިނުވާ ކަމަށެވެ. މިފަދަ އުސޫލެއް ތައްޔާރުކުރާއިރު މަޝްވަރާ ކުރުންވެސް މުހިންމު ކަމަށާއި، އެހެންނަމަވެސް އެއްވެސް އިދާރާއަކާ ސިޓީ ކައުންސިލުން މިކަމުގައި މަޝްވަރާވެސް ކޮށްފައިނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މަޝްވަރާ ކުރުމަށްއެދި ފޮނުވި ސިޓީއަށް ޖަވާބެއްވެސް ނުލިބޭ ކަމަށް ވިދާޅުވިއެވެ.

"ހަގީގަތުގައި އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި މި އުސޫލަކީ ބާތިލު އުސޫލެއް. މިއީ ސިޓީ ކައުންސިލަށް އިއުލާނު ކުރެވޭނެ އަދި އޭގެމައްޗަށް އަމަލުކުރެވޭނެ އުސޫލެއް ނޫން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުން އެކުލަވާލި އުސޫލަކީ ބާތިލު އުސޫލެއް ކަމަށާއި، ރައްޔިތުންގެ ހައްގުގައި އެ އުސޫލު ބާތިލު ކުރުމަށް ކޯޓަށް ދާނެ ކަމަށެވެ.

މި މައްސަލައިގައި ކޯޓަށް ދިއުމަށް ނިންމާފައިވާކަން ޝަރީފު ހާމަކުރެއްވިއިރު ސިޓީ ކައުންސިލުންވަނީ ކުރިން 60 ރުފިޔާ ނަގަމުންއައި މަގުމަތީ ބަހައްޓާ ބޯޑެއްގެ އަގު 200 ރުފިޔާއަށް ބޮޑު ކޮށްފައެވެ. އަދި ރޯޑްބްލޮކް ބަހައްޓާ ބޯޑަށް ކުރިން 150 ރުފިޔާނެގިއިރު އެ އަގު 300 ރުފިޔާއަށް ބޮޑު ކޮށްފައިވެއެވެ.