Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ފޭދޫން ގޯތި ފޯމް މާދަމާ ދޫކުރަން ފަށާނެ

އައްޑޫ ފޭދޫން ދޫކުރަން ނިންމާފައިވާ ގޯތިތަކަށް މާދަމާ ފޯމް ދޫކުރަން ފަށާނެ ކަމަށާއި ގޯތި ދޫކުރުން ހުއްޓާލާފައި ނުވާ ކަމަށް އެ އަވަށު ކައުންސިލަރު އައިމިނަތު ސަލްމާ ވިދާޅުވެއްޖެ އެވެ.

ފޭދޫން ގޯތި ދޫކުރުން ކެންސަލްވެފައިވާ ކަމަށް ބުނެ ބައެއް ދެކެވެމުންދާ ވާހަތަކަކާ ގުޅިގެން އޭނާ ވިދާޅުވީ ގޯތި ދޫކުރަން ކައުންސިލުން މިދިޔަ މަހުގެ 24 ގައި އިއުލާންކުރި ގޮތަށް އެކަން ކުރިއަށް ދާނެ ކަމަށެވެ. ގޯއްޗަށް އެދޭ ފޯމް ދޫކުރަން ހަމަޖެހިފައި ވަނީ މާދަމާ އިން ފެށިގެން މި މަހުގެ 16 އާ ހަމައަށެވެ.

ގޯތި ދޫކުރާ ފޯމަށް އިސްލާހުތަކެއް ގެންނަން ޖެހޭތީ ކައުންސިލުން މިހާރު އަންނަނީ އެކަން ކުރަމުންނެވެ.

ފޭދޫން 1،500 އަކަފޫޓްގެ 300 ގޯތި ދޫކުރަން ނިންމާފައިވެ އެވެ. މީގެ ތެރެއިން 30 ގޯތި ހާއްސަކޮށްފައި ވަނީ އައްޑޫގެ އެހެން އަވަށްތަކުގެ މީހުންނަށެވެ.

ފޭދޫގެ އިތުރުން އައްޑޫގެ ހުޅުދު އާއި މީދޫން ކޮންމެ އަވަށަކުން 100 ގޯތި ދޫކުރަން ވެސް މިދިޔަ މަހުގެ 24 ގައި އިއުލާންކުރި އެވެ. އެ ދެ އަވަށުން ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ ގޯއްޗެވެ. މި ގޯތިތަކަށް ވެސް މާދަމާ ފޯމް ދޫކުރަން ފަށާނެ އެވެ. މީގެ އިތުރުން ހިތަދޫން 500 ގޯތި ދޫކުރަން މިދިޔަ މަހުގެ 25 ގައި އިއުލާންކުރި އެވެ. އެ ގޯތިތަކަށް ފޯމް ދޫކުރަން ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 5 އިން ފެށިގެންނެވެ. އަދި ސުންގަޑި ހަމަވާނީ 23 އަށެވެ.