Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ހަނިމާދު އަށް ރޭގަނޑު ދަތުރުތައް މެދުކަނޑާލަނީ

ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ އަންނަ މަހުގެ 1 އިން ފެށިގެން މޯލްޑިވިއަންގެ ރޭގަނޑުގެ ދަތުރުތައް އެ އެއާޕޯޓަށް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި އެވެ.

ގައުމީ އެއާލައިނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިކަމާ ގުޅިގެން ހަނިމާދޫ އެއާޕޯޓުން އިންޑިއާގެ ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް ވެސް މެދުކަނޑާލަން ޖެހިފައިވާ ކަމަށެވެ.

"ވީމާ މާޗް 1 ގެ ފަހަށް ޓިކެޓް ނަންގަވާފައިވާ ބޭފުޅުންނަށް އަޅުގަނޑުމެންގެ ކޯލް ސެންޓަރު މެދުވެރިކޮށް ދަތުރުގެ ކަންތައްތައް ހަމަޖައްސައި ދެވޭނެ އެވެ." މޯލްޑިވިއަނުން ބުންޏެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން މިދިޔަ މަހުގެ 25 ގައި ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމައިފަ އެވެ.